އޮފީސް ޖަޔަންޓްސް ކަޕް 2015 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފެށިއްޖެ އެވެ.
މިގޮތުން ރޭ ކުޅުނު ގުރޫޕް އޭ ގެ ފުރަތަމަ މެޗުގައި ކަސްޓަމްސް އަދި ހޮސްޕިޓަލް ވާދަކުރި މެޗު ނިމުނީ 7-3 އިން ހޮސްޕިޓަލް މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ކުރީކޮޅު ހޮސްޕިޓަލްއިން ލަނޑު ޖަހާފައި ވަނިކޮށް ކަސްޓަމްސްއިން މެޗު އެއްވަރުކުރީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.
ފުރަތަމަ ހާފު 1-1 އިން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެން ދިޔައެވެ. އެގޮތުން ފަހު ހާފުގެ ކުރީކޮޅު ކަސްޓަމްސް އިން ދެ ލަނޑު ޖަހައި 3-1 ގެ ލީޑެއް ނެގިއެވެ. ނަމަވެސް ނޫފަހި އެރީނާގައި ބޭއްވުނު ވަން ޑޭ ކަޕްގެ ޗެމްޕިއަނުން ކަމުގައިވާ ހޮސްޕިޓަލްއިން ކުޅުން ރަނގަޅުކޮށް 6 ލަނޑު ޖަހައި މެޗު އަނބުރާލި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮސްޕިޓަލް ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން އަހުމަދު އާދަމް (ބާޑޭ) އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ރޭ އޮގްޒިލިއަރީ ފަޔަރ އިން ވަނީ ފަސޭހަ ކަމާއެކު އެމްއާރްޑީސީ 10-4 އިން ބަލިކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މުޅި މެޗުވެސް ކޮންޓްރޯލް ކޮށްފައިވަނީ އޮގްޒިލިއަރީ ފަޔަރ ޓީމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަޔަރ ޓީމަށް 6 ލަނޑު ޖަހައިދިން އަހްމަދު ޤާސިމް (ކުމާ) އެވެ.
މިރޭ ކުޅޭ ފުރަތަމަ މެޗުގައި 2030 ގައި ކުޅޭނީ ދިރާގު އަދި ރަށު ކައުންސިލެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އަދި އެމްއެންޑީއެފް އެވެ.
އިސްމާއިލް އަހުސަން ބޮޑުރުއްދޮށުގެ (އައްބެ) އިންތިޒާމް ކުރާ މި މުބާރާތަކީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ވާދަކޮށް ކުއާޓަރއަށް ދަތުރުކޮށްފައިވާ 8 ޓީމަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ. ނަމަވެސް އެ މުބާރާތުގެ ޗެމްޕިއަން ޓީމު ޕޮލިސް މި މުބާރާތުގައި ވާދަ ކުރުމަށް އުޒުރުވެރިވުމުން އެ ޖާގަ ދިނީ މުބާރާތުގެ ނުވަ ވަނަ ޓީމު ރަށު ކައުންސިލަށެވެ.
މި މުބާރާތް ކުރިޔަށް ދާނީ 20 ފެބްރުއަރީ އިން 1 މާޗް އަށް އެސްޓީއޯ ނޫފަހި އެރީނާގަ އެވެ.