ޗެމްޕިއަންސް ލީގުގައި އާސެނަލް އަދި ބަޔާން ލެވަކޫސަން ކަޓުވާލުމަށްފަހު މޮނާކޯ އާއި އެތުލެޓިކޯ މެޑްރިޑް ކުއާޓަރއަށް ދަތުރުކޮށްފި އެވެ.
އާސެނަލް ރޭގެ މެޗުގައި 2-0 އިން މޮޅުވި ނަމަވެސް އެގްރިގޭޓް ސްކޯރ 3-3 އިން އެއްވަރުވެ އަވޭ ގޯލުގެ އުސޫލުން އާސެނަލް ވަނީ މުބާރާތުން ކަޓާފަ އެވެ. ފާއިތުވެދިޔަ 10 ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވީ ނަމަވެސް ވޭތުވެދިޔަ 5 ސީޒަނުގައިވެސް އާސެނަލް ވަނީ ދެވަނަ ބުރުން ކަޓާފަ އެވެ.
ރޭގެ މެޗުގެ 36 ވަނަ މިނެޓްގައި ޖިރޫޑް ލަނޑެއް ޖަހައި ލީޑު ނަގައިފައި ވާއިރު މެޗު ނިމެން 11 މިނެޓަށްވެފައި ވަނިކޮށް ރަމްސީ ވަނީ ލަނޑެއް ޖަހައި އެގްރިގޭޓް ސްކޯރ އެއްވަރުކޮށްފަ އެވެ. ނަމަވެސް އިތުރަށް ލަނޑެއް ކާމިޔާބުކޮށްގެން ކުއާޓަރއަށް ދަތުރުކުރެވެން އޮތް އާސެނަލް އަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރުމުގައި ނާކާމިޔާބުވެފަ އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑް ވަނީ ޕެނަލްޓީ ޖަހައިގެން މެޗު ކާމިޔާބުކޮށް ބަޔާން ލެވަކޫސަން މުބާރާތުން ކަޓުވާލާފަ އެވެ. ރޭ ގެ މެޗުގައި އެތުލެޓިކޯގެ މާރިއޯ ސުއަރޭޒް ވަނީ މެޗުގެ 27 ވަނަ ލަނޑެއް ޖަހައި ލީޑު ނަގައި އެގްރިގޭޓް ސްކޯރ 1-1 އަށް ހަދައިދީފަ އެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން 3-2 އިން މެޗު ކާމިޔާބުކުރީ އެތުލެޓިކޯއިންނެވެ.
މިރޭ ކުޅޭ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަދި ބާސެލޯނާ ކުޅޭއިރު ފުރަތަމަ ލެގު ބާސާއިން ވަނީ 2-1 އިން ރަށުން ބޭރުގައި ކުޅެ ކާމިޔާބުކޮށްފަ އެވެ. ދެވަނަ މެޗުގައި ޔުވެންޓަސް އަދި ޑޯޓްމަންޑް ކުޅޭއިރު ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ. ދެ މެޗުވެސް ފަށާނީ މާލޭ ގަޑިން 00:45 ގަ އެވެ.