ކުޅުދުއްފުށީ ކުޅިވަރު ލެޖެންޑެއް ކަމުގައިވާ އާދަމް އިސްމާއީލް (ދެބުދާރުގެ) ގެ ޝަރަފުގައި ކުޅެވޭ އާދަމް އިސްމާއީލް ލީގު 2015 ފަށައިފި އެވެ.
މިއަދު ހަވީރު ފެށި މި ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮރަލްސް ޔުނައިޓެޑް އަދި ޒިގްޒެގް ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކުރީ ޒިގްޒެގުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ޒިގްޒެގުން މޮޅަށް ކުޅެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމުގެ އަހްމަދު ޤާސިމް (ކުމާ) ޖަހައިދިނީ ވަރަށް ހުސްކޮށް ހުރެފަ އެވެ. މި ލަނޑާއެކު ކޮރަލްސް ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ޒިގްޒެގްގެ މުަހައްމަދު އަލީ (ޖަންނަ) ގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަދި އޭގެ އިރުކޮޅެއް ފަހުން ޒިގްޒެގްގެ ކީޕަރ ހަކީމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކޮރަލްސް ޔުނައިޓެޑްގެ މުހައްމަދު އާދަމް(ކާއްޓޭ) ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރަލްސްގެ އާދަމް މުހައްމަދު (ކުޑަ އާދަނު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު މުހައްމަދު (ނެލޭ) ވަނީ ވަރަށް ބާރު ޝޮޓަކުން އިތުރު ލަނޑެއް ޖަހައި ފަރަގު ބޮޑުކޮށްފައިވެ އެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއްނުވެ ޒިގްޒެގްގެ އަހްމަދު ޤާސިމް ވަނީ ކީޕަރގެ ބޯ މަތިން ބޯޅަ ވައްޓާލައި ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުން އައި ޒިގްޒެގަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ބަޝީރު ޔޫސުފް ވަނީ 77 ވަނަ މިނެޓްގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އޭގެ ތިން މިނެޓް ފަހުން ޒިގްޒެގްގެ އަބޫބަކުރު އާދަމް ވަނީ ލަނޑެއް ޖަހައި ޒިގްޒެގަށް މެޗު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގަށް ދެ ލަނޑު ޖަހައިދިން އަހްމަދު ޤާސިމް އެވެ.
މިއީ މި މުބާރާތް ބޭއްވޭ ދެވަނަ އަހަރަށްވާއިރު މުބާރާތް އިންތިޒާމް ކުރާ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ދަނޑުތަކުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރި އެވެ.