އާދަމް އިސްމާއީލް ލީގުގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ކުޅުނު މެޗު 2-0 އިން ހިރަފުސް އިން ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު މެޗު ހިރަފުސްއިން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކޮރަލްސް ބަލިކޮށްގެންނެވެ. ރަށުން ބޭރުގެ ގިނަ ކުޅުންތެރިންތަކެއް ދެ ޓީމުންވެސް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހިރަފުހަށް ކުޅޭ ނޮޅިވަރަމް ކުޅުންތެރިއެއް ކަމުގައިވާ އަބްދުއްރަހީމް އަބޫބަކުރު (އައްދު) ތަނަވަސްކޮށްދިން ފުރުސަތަކުން ހިރަފުސް ޓީމަށް ކުޅޭ ރަސްދޫ ކުޅުންތެރިއެއް ކަމުގައިވާ އަލީ ރިޝްވާން (ރިޝޭ) އެވެ.
ޓީމް ކޮރަލްސް އިން މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކަމުގައިވިޔަސް ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ހިރަފުސްއިންނެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީމް ކޮރަލްސްއިން ކުޅުން ރަނގަޅުކުރި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުވެސް ހިރަފުސް އިން ވަނީ ލަނޑެއްޖަހައި ފަރަޤު ބޮޑުކޮށްފަ އެވެ.
ފުރަތަމަ ލަނޑުވެސް ޖެހި ދެ ކުޅުންތެރިން ގުޅިގެން އުފެއްދި މި ހަމަލާއަކީ ހިރަފުސްގެ ރިޝޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލަދިން ބޯޅަ އަކުން އައްދު ބޮލުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީހިރަފުހަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި އެންމެ ފަހުގެ ޒިގްޒެގް އޮފީސް މުބާރާތުން ފާހަގަވެގެންދިޔަ ޕޮލިސް ޓީމްގެ އަލީ ރިޝްވާން އެވެ.
މި މުބާރާތުގެ ދެ މެޗު އަންނަ ހަފްތާގެ ބަންދުގައިވެސް ކުޅުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިރަފުސް އަދި ކޮރަލްސް ޔުނައިޓެޑެވެ. ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް އަދި ޓީމް ކޮރަލްސް އެވެ.