އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފި އެވެ.
ރޭ ގަލޮޅު ދަނޑުގައި ރައީސް އަބްދުﷲ ޔާމިން އިފްތިތާހްކުރި ލީގުގެ ފުރަތަމަ މެޗު ވިކްޓްރީއިން ކާމިޔާބުކުރީ 3-1 އިން ވިކްޓްރީ ބަލިކޮށްގެންނެވެ.
އެންމެ ފަހުން ބޭއްވުނު ދެ ލީގުވެސް ކާމިޔާބުކުރި ނިއުއިން މެޗުގެ ލީޑު ނެގީ 18 ވަނަ މިނެޓްގައި އޮއްޕޮ ނަގައިދިން ހުރަހަކުން އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ ވިލިއަމް މަކޯއެވެ. މީގެ އިތުރުންވެސް ނިއުއިން ނުރައްކާތެރި ތިން ހަމަލާއެއް ފުރަތަމަ ހާފު އުފައްދާފައިވާއިރު ވިކްޓްރީއިންވެސް ވަނީ ދެ ހަމަލާއެއް އުފައްދާފަ އެވެ.
ދެވަނަ ހާފު ފަށައިގެން ނިއުގެ ސެންޓޭ ވިކްޓްރީގެ ގޯލަށް ނުރައްކާކޮށްފައިވާއިރު ވިކްޓްރީއިން ވަނީ 75 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން އަހްމަދު ޒިޔާން އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒިއާންގެ ފުރަތަމަ ޓަޗެވެ.
މެޗުގެ 87 ވަނަ މިނެޓްގައި ނިއުގެ ރިލްވާން ވަހީދު ބޯޅަ ނެތީސް ޒިއާންއަށް ހަމަލާ ދިނުމުން ސީދާ ރަތްކާޑެއް ދައްކާފައިވާއިރު ނިއުއިން ލީޑު ނެގީ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ތަޖުރިބާކާރު ކުޅުންތެރިޔާ އޮއްޕޮ ޖަހައިދިންއިރު މި ޕެނަލްޓީއަކީ ވިކްޓްރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކަކާގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ އެކެވެ.
އިތުރު ވަގުތުގެ ފަހު ވަގުތު ނިއުއިން ތިން ޕޮއިންޓް ކަށަވަރުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ސެންޓޭ ޖަހައިދިން ލަނޑުންނެވެ.
މިއަހަރުގެ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެފްެއޭއެމްއިން 1.6 މިލިއަން ރުފިޔާ ދޭއިރު ޗެމްޕިއަން ޓީމަށް 1 މިލިއަން ރުފިޔާ ހުށަހެޅިފައިވެ އެވެ.
ރޭގެ މެޗުގެ ކުރިން 2013 އަދި 2014 ގެ އެފްއޭއެމް އެވާޑްސް ހަވާލުކުރުން އޮތެވެ. 2013 ގެ ރަންބޫޓް އަދި މޮޅު ކުޅުންތެރިޔާ އޭރުގެ ނިއުގެ ފޯވާޑް އަލީ އަޝްފާޤް ހޯދިއިރު 2014 ގެ ރަންބޫޓް އަދި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މާޒިޔާގެ އަސަދުﷲ އެވެ. ދަގަނޑޭ 2013 ވަނަ އަހަރު 58 ލަނޑު ޖެހިއިރު އަސަދުﷲ 2014 ގައި ޖަހާފައިވަނީ 32 ލަނޑެވެ.