ބަޔާން މިއުނިކު އަދި ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބަޔާން މިއުނިކުން ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ޕޯޓޯ 6-1 އިން ބަލިކޮށް 7-4 ގެ އެގްރިގޭޓް ސްކޯރ އަކުންނެވެ. ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 3-1 އިން ބަލިވެފައި އޮތުމާއެކު ރޭ ބަޔާން މިއުނިކުން ކުޅެފައިވަނީ އެޓޭކިން ގޭމެކެވެ. މިގޮތުން ފުރަތަމަ ހާފުގައި 5 ލަނޑު ޖަހާފައިވެ އެވެ.
ފުރަތަމަ ލެގުގައި ޖެހި ހަމައެކަނި ލަނޑު ބަޔާން އަށް ޖަހައިދިން އަލްކަންޓްރާ ވަނީ މެޗުގެ 14 ވަނަ މިނެޓްގައި ބާނަޓް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދާލާފަ އެވެ. އަދި އޭގެ 8 މިނެޓް ފަހުން ބޭޑްސްޓޫބަރގެ ހުރަހަކުން ބޯޓެންގް ބޮލުން ޖަހައި ލަނޑެއް ވައްދާލަފައިވާއިރު ލެވަންޑޯވްސްކީވެސް ވަނީ އޭގެ 5 މިނެޓް ފަހުން ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
ތިން ވަނަ ލަނޑު ޖެހުމަށް އެހީތެރިވެދިން ތޯމަސް މުލާ 36 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ބޭރުން ހެދި ޝޮޓެއް ޕޯޓޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޯލަށް ވަންއިރު ކީޕަރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި ލެވްންޑޯސްކީ ވަނީ އޭގެ 4 މިނެޓް ފަހުން އޭނާގެ ދެވަނަ ލަނޑު ވަނީ ޖަހާފަ އެވެ.
ފަހު ހާފުގައި ޕޯޓޯއިން ކުޅުން ރަނގަޅުކޮށް ޖެކްސަން މާޓިނޭޒް ލަނޑެއް ޖަހާފައި ވީ ނަމަވެސް 87 ވަނަ މިނެޓްގައި ޕޯޓޯގެ އިވަން މަރްކާނޯ ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑަކާއެކުވަނީ ރަތް ކާޑެއް ދައްކާފަ އެވެ. އެ ފައުލްގެ ސަބަބުން ލިބުނު ހިލޭ ޖެހުމުން ޒާބީ އެލޮންސޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިއީ ބަޔާން އިން ވިދިވިދިގެން ސެމީއަށް ދަތުރުކުރި ހަތަރު ވަނަ ސީޒަނެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ބާސެލޯނާއިން ވަނީ 2-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ފުރަތަމަ ލެގުގައި 3-1 އިން ރަށުން ބޭރުގައި މޮޅުވެފައި އޮތްއިރު ރޭގެ މެޗުގެ 14 ވަނަ މިނެޓްގައި ކެޕްޓަން އިނިއެސްޓާ ހަތަރު ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު ދިން ތުރޫ ޕާސް ނޭމާ ވަނީ ކީޕަރ ކައިރިން ނެއްޓުމަށްފަހު ގޯލަށް ވައްދާލާފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި ޑެނިއަލް އަލްވޭސް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ނޭމާވަނީ އޭނާގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްފަ އެވެ.
މިއީ ވޭތުވެދިޔަ 8 ސީޒަނުގެ ތެރެއިން ބާސާއިން ސެމީއަށް ދަތުރުކުރި 7 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި މޮނާކޯ އަދި ޔުވެންޓަސް ބައްދަލުކުރާއިރު ޔުވެންޓަސް ވަނީ ފުރަތަމަ ލެގުން 1-0 އިން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗުގައި ރިއަލް މެޑްރިޑް ބައްދަލުކުރާއިރު ފުރަތަމަ ލެގު ނިމިފައިވަނީ 0-0 އިންނެވެ. ދެ މެޗުވެސް ފެށޭނީ 23:45 ގަ އެވެ.