ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރިއަލް މެޑްރިޑް އަދި ޔުވެންޓަސް އިން ދަތުރުކޮށްފި އެވެ.
ދެ ޓީމުންވެސް 1-0 ގެ އެގްރިގޭޓް ސްކޯރ އަކުން މޮޅުވިއިރު ރިއަލް އިން ރޭގެ މެޗުގައި އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ. ޔުވެންޓަސް އާއި މޮނާކޯ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ރޭ ރިއަލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގެ ބޮޑުބައި ރިއަލްއިން ކޮންޓްރޯލް ކޮށްފައިވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ހާވިއަރ ހާނެންޑެޒް އެވެ. މި މެޗުގެ 76 ވަނަ މިނެޓްގައި އެތުލެޓިކޯގެ އާޑާ ޓޫރާން އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.
މިއީ އެންމެ ފަހުން ރިއަލް އިން އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއީ ރިއަލް މެޑްރިޑުން ޖެހިޖެހިގެން ސެމީއަށް ދަތުރުކުރި 5 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.
ފުރަތަމަ ލެގުގައި 1-0 އިން ބަލިވެފައި އޮތް މޮނާކޯ ރޭ ޔުވެންޓަސްއާ ދެކޮޅަށް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޔުވެންޓަސްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް މޮނާކޯ ހުއްޓުވާފަ އެވެ. މިއީ ޔުވެންޓަސް އިން 2003 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސްވިޒަލޭންޑްގެ ނިޔޯންގައި މާދަމާ ސެމީ ފައިނަލްގެ ޑްރޯ އޮންނައިރު ސެމީ ފައިނަލްގެ ފުރަތަމަ ޑްރޯ އޮންނާނީ 5-6 މޭ ގަ އެވެ. އަދި ދެވަނަ ލެގު އޮންނާނީ 12-13 މޭ ގަ އެވެ.