twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޒިގްޒެގް އާއި ހިރަފުސް ކުޅުނު މެޗު އެއްވަރުވިއިރު ޓީމް ކޮރަލްސް މޮޅުވެއްޖެ

Apr 26, 2015

އާދަމް އިސްމާއީލް ލީގު 2015 ގެ ހަފްތާ ބަންދުގައި ޒިގްޒެގް އާއި ހިރަފުސް ކުޅުނު މެޗު އެއްވަރުވިއިރު ޓީމް ކޮރަލްސް މޮޅުވެއްޖެ އެވެ.

ޒިގްޒެގްގެ ދަނޑުގައި ހުކުރު ދުވަހު ހިރަފުސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ހަތްވަނަ މިނެޓްގައި ޒިގްޒެގްގެ ޑިފެންޑަރ އަބްދުﷲ ނާސިހް (ބަގަޅޭ) އަށް ހެދުނު ގޯހެއްގެ ފައިދާ ހިރަފުސް ގެ އިބްރާހިމް ހަސަން(ކުޑަ އިއްބެ) ނަގައި އޭނާ ވަނީ އެ ޓީމުގެ އަބްދުލް ރަހީމް އަބޫބަކުރު (އައްދު) އަށް މުޅިން ހުސް ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. އައްދު މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި އޭނާ ވަނީ މި މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑާއެކު ލީޑު ހޯދާފަ އެވެ.

މެޗުގެ ބޮޑުބައި ހިރަފުސްއިން ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު މި މެޗުގައި ހިރަފުސްގެ ޓީމުން ވަނީ ޤައުމީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވެސް ފެނިގެން ގޮސްފަ އެވެ. ފަހު ހާފު ފަށައިގެންވެސް ގިނަ ފުރުސަތުތަކެއް ހިރަފުސްއިން ތަނަވަސްކުރިއިރު އަމްދާންގެ ހުރަހަކުން އެ ޓީމުގެ ޒިޔާދު މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ގިނަ ކާޑުތަކެއް ފެނިގެން ދިޔަ މެޗުގެ 87 ވަނަ މިނެޓްގައި ޒިގްޒެގްގެ އަހްމަދު އާދަމް (ބާޑޭ) އަށް ސީދާ ރަތް ކާޑެއް ދައްކާފައިވެ އެވެ. މެޗުގެ ނަތީޖާ ޒިގްޒެގްއިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަހްމަދު މުހައްމަދު (އިންތި) އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ޓީމް ކޮރަލްސް އިން ވަނީ 9-2 އިން ކޮރަލްސް ޔުނައިޓެޑް ގެ މައްޗަށް ކުރި ހޯދާފަ އެވެ. މެޗުގެ ފުރަތަމަ މިނެޓްގައި ފަތުހުﷲ އާދަމް (ފައްތެ) އަށް ލިބުނު ހުސް ފުރުސަތަކުން ލަނޑު ޖަހާފައިވާއިރު 4 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަހްމަދު ދާއޫދު ލަނޑެއް ޖަހައި ޓީމް ކޮރަލްސްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ކޮރަލްސް ޔުނައިޓެޑްގެ އާދަމް މުހައްމަދު ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ ފަރަޤު ކުޑަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޫރުﷲ ތޯހާ އަދި ފަތުހުﷲ އާދަމް އިތުރު ދެ ލަނޑު ޖަހައި ނަތީޖާ 4-1 އަށް ވަނީ ބަދަލުކޮށްފަ އެވެ. މި މެޗުގެ ފަހު ހާފުގައި ޓީމު ކޮރަލްސް އިން އިތުރު ފަސް ލަނޑު ޖެހިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ނޫރުﷲ ތޯހާ ވަނީ ތިން ލަނޑު ޖަހާފަ އެވެ. ޓީމް ކޮރަލްސް އިން ދެން ލަނޑު ޖަހާފައިވަނީ ސިނާން އިބްރާހިމް (ސިންނެ) އަދި އަހްމަދު އިބްރާހިމް (ކިމޯ) އެވެ. ކޮރަލްސް ޔުނައިޓެޑްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ކުޑަ އާދަނެވެ.

މިހާރު ހިރަފުސް އިން 7 ޕޮއިންޓާއެކު ޓޭބަލްގެ ކުރީގައި އޮތްއިރު، ދެވަނާގައި ޓީމް ކޮރަލްސް އޮތީ 6 ޕޮއިންޓާއެކު އެވެ. ތިންވަނާގައި ޒިގްޒެގް 4 ޕޮއިންޓާއެކު އޮތްއިރު ކޮރަލްސް ޔުނައިޓެޑް އޮތީ ޕޮއިންޓެއް ނުލިބި އެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355