twitterviber whatsapp telegramfacebookyoutube instagram
8th May 2024

އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑްގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދައިފި

May 6, 2015

ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑްގެ މައްޗަށް ޔުވެންޓަސް 2-1 އިން ކުރިހޯދައިފި އެވެ.

ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޔުވެންޓަސް އިންނެވެ. މިގޮތުން މެޗުގެ 8 ވަނަ މިނެޓްގައި ޓެވޭޒް ފޮނުވާލި ހަމަލާއެއް ކަސިޔަސް ދިފާއުކުރުމުން ލިބުނު ރިބައުންސް ހުސްކޮށްހުރެ ފޮނުވާލީ ވޭތުވެދިޔަ ސީޒަނުގައި ރިއަލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި އަލްވާރޯ މޮރާޓާ އެވެ.

މި ލަނޑާއެކު ރިއަލްއިން ކުރިއަށް ޖެހި ރަނގަޅަށް ކުޅެން މަސައްކަތްކޮށް މެޗުގެ 17 ވަނަ މިނެޓްގައި ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޖޭމްސް ރޮޑްރިގޭޒް ނަގައިދިން ހުރަސް ހުސްކޮށްހުރެ ރޮނާލްޑޯ ވަނީ ބޮލުން ޖަހައި ވައްދާލައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ރޮނާލްޑޯ ޖެހި 9 ވަނަ ލަނޑެވެ.

އޭގެ ތިން މިނެޓް ފަހުން އިސްކޯ ނަގައިދިން ހުރަސް ގޯލު ކުރިމަތީގައި ހުރެ ރޮޑްރިގޭޒް ބޮލުން ޖަހައި ފޮނުވާލިއިރު މި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. އަދި ރިބައުންސްގައި ނުކުތް ބޯޅަ މާސެލޯ ފޮނުވާލިއިރު ބޯޅަ ވެއްޓުނީ ގޯލުގެ މަތީ ދާގަނޑު މައްޗަށެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓްގައި ރިއަލް އިން އުފެއްދި ހަމަލާއެއް ކައުންޓަރ އެޓޭކަކަށް ބަދަލުކޮށް ޓެވޭޒް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާއަށް ވަނުމާއެކު ޑެނީ ކަރްވަހާލް ވަނީ އޭނާއަށް ފައުލްކޮށްފަ އެވެ. މި ފައުލްގެ ސަބަބުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓެވޭޒް އެވެ.

ރިއަލް އިން މެޗުގައި ދެވަނަ ފަހަރަށް އެއްވަރުކުރުމަށް ކުރަމުން ދިޔަ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މިރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ބައްދަލުކުރާނީ ބާސެލޯނާ އާއި ބަޔާން މިއުނިކެވެ. މި މެޗު 2345 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޫ ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355