ރޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ބާސެލޯނާއާއި ބަޔާން ބައްދަލުކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.
މެސީގެ 100 ވަނަ ޔޫރަޕްގެ ފެނިލުމުގައި އޭނާ މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ފަހު ކޮޅު ގާތްގާތުގައި ދެ ލަނޑު ޖަހައި ޓީމަށް ވަނީ ލީޑު ހޯދައިދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ކައުންޓަރ އެޓޭކްގައި ނޭމާ ލަނޑު ޖެހިއިރު މި ލަނޑު ޖެހުމަށް މަގުފަހި ކޮށްދިނީވެސް މެސީ އެވެ.
މި މެޗުގައި ބަޔާން މިއުނިކަށް ގޯލާ ސީދަލަށް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާއިރު ބާސެލޯނާގެ ސުއަރޭޒް އަދި ޑެނީ އަލްވޭސް އަށް ލިބުނު ހުސް ދެ ފުރުސަތެއް ބަޔާންގެ ކީޕަރ ނޯޔާ ވަނީ ދިފާއުކޮށްފަ އެވެ.
މި މޮޅާއެކު ބާސެލޯނާ 8 ވަނަ ޔޫރަޕިއަން ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލާފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 77 ވަނަ މިނެޓްގަ އެވެ. މިއީ ޕެނަލްޓީ އޭރިޔާގެ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް މެސީ ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ތިން މިނެޓް ފަހުން މެސީ ވަނީ ޖެރޮމީ ބޯޓެންގް ކައިރިން ނެއްޓުމަށްފަހު ބަޔާންގެ ކީޕަރ ނޯޔާގެ ބޯ މަތިން ޗިޕެއް ޖަހައިލައިގެން ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑަށް ގިނަ ބައެއްގެ ތައުރީފް ޓްވިޓަރގައި މިހާރު ދަނީ އޮހޮރެމުންނެވެ.
ވޭތުވެދިޔަ ސީޒަނުގެ ސެމީ ފައިނަލްގައި ބާސެލޯނާ 7-0 ގެ އެގްރިގޭޓް އަކުން ވަނީ ބަލިވެފައިވާއިރު މި ސީޒަނުގެ ދެވަނަ ލެގު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ.