twitterviber whatsapp telegramfacebookyoutube instagram
7th May 2024

ޓީމް ކޮރަލްސް އަދި ހިރަފުސް މޮޅުވެއްޖެ

May 17, 2015

އާދަމް އިސްމާއީލް ލީގު ހަފްތާ ބަންދުގައި ކުޅުނު މެޗުތައް ޓީމް ކޮރަލްސް އަދި ހިރަފުސްއިން ކާމިޔާބުކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކޮރަލްސް އިން ވަނީ އަމިއްލަ ދަނޑުގައި ޒިގްޒެގް 2-1 އިން ބަލިކޮށްފަ އެވެ. ޒިގްޒެގް ގެ ދަނޑުގައި ކުޅުނު މެޗުވެސް ޓީމް ކޮރަލްސް އިން ކާމިޔާބުކުރީ 2-1 އިންނެވެ.

މި މެޗުގެ ކުރީކޮޅު ގިނައިރު ބޯޅަ ހިފަހައްޓައިގެން ޒިގްޒެގް އިން ކުޅުނު ނަމަވެސް އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޓީމް ކޮރަލްސްއިންނެވެ. އެ ޓީމުގެ ނޫރުﷲ ތޯހާ ޕެނަލްޓީ އޭރިޔާގެ އަރިމަތީ ރޮނގު މަތިން ހުރެފައި ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 35 ވަނަ މިނެޓްގައި ނޫރުﷲ ތޯހާ ވަނީ ޕެނަލްޓީ އޭރިޔާގެ އަރިމަތީ ރޮނގު ކައިރީ ހުރެ ކީޕަރުގެ ބޯ މަތިން ޖަހައި ވަރަށް ރީތި ގޯލެއް ކާމިޔާބުކޮށްފަ އެވެ.

އޭގެ 7 މިނެޓް ފަހުން އަސްވަދު ރަޝީދު ވަނީ ލިބުނު ޗާންސެއްގައި ޑިފެންޑަރު ކަޓުވާލުމަށްފަހު ވަރަށް ހަމަޖެހިލާފައި ލަނޑެއް ކާމިޔާބުކޮށް ލީޑު 2-0 އަށް ބަދަލުކޮށްލާފަ އެވެ.

ޒިގްޒެގް އިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބަޝީރު ޔޫސުފް ދެވަނަ ހާފުގެ ކުރީކޮޅު ކޯނަރަކުން ލަނޑެއް ޖަހައި ލީޑު ހަނިކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރުމުގައި އެ ޓީމު ވަނީ ނާކާމިޔާބުވެފަ އެވެ. ކޮރަލްސް އަށް ފަހު ހާފުވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ތިން ހަމަލާއެއް ގޯލު ދަނޑިއާ ވަނީ އަމާޒުވެފަ އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ޒިގްޒެގްގެ އަހްމަދު ޤާސިމް (އެންޓް) އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް ކޮރަލްސްގެ ނޫރުﷲ ތޯހާ އެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ހިރަފުސް އިން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކޮރަލްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގެ 6 ވަނަ މިނެޓްގައި ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން އަސްލަމް މުހައްމަދު (ލަމްބޯ) ވަރަށް ރީތިކޮށް ގޯލުގެ ކަނަށް އަމާޒުކުރިއިރު އޭގެ 1 މިނެޓް ފަހުން އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ސޮޓެއް ހަދައި ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 11 ވަނަ މިނެޓްގައި ހިރަފުސްގެ މުހައްމަދު ޒިޔާދު ލީޑު 3-0 އަށް ބަދަލުކުރިއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފަ އެވެ.

ފަހު ހާފުގެ ކުރީކޮޅު މާއްދު އަދުނާން ވަނީ އާދަމް އިލްހާމް ހުރަސްކޮށްލަދިން ހިލޭ ޖެހުމަކުން ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް 4-0 އަށް ލީޑު ފުޅާކޮށްފަ އެވެ. އަދި 56 ވަނަ މިނެޓްގައި އަބްދުލް ރަހީމް އަބޫބަކުރު އައްދު އިތުރު ގޯލެއް ކާމިޔާބުކޮށްފައިވާއިރު އޭނާގެ 2 ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355