twitterviber whatsapp telegramfacebookyoutube instagram
17th May 2024

އާދަމް އިސްމާއީލް ލީގު ހިރަފުސްއިން ކާމިޔާބުކޮށްފި

May 24, 2015

އާދަމް އިސްމާއީލް ލީގު 2015 ހިރަފުސްއިން ކާމިޔާބުކޮށްފި އެވެ.

ހިރަފުސް އިން އާދަމް އިސްމާއީލް ލީގު ކާމިޔާބުކުރީ އިއްޔެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކޮރަލްސް 3-1 އިން ބަލިކޮށްގެންނެވެ.

ކޮރަލްސްގެ ދަނޑުގައި ކުޅުނު މެޗުގެ ބޮޑުބައި ހިރަފުސް އިން ކޮންޓްރޯލް ކޮށްފައިވާއިރު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-0 އިންނެވެ. މި ހާފުގައި ޓީމް ކޮރަލްސްގެ ސުހުރާބުއަށް ގޯލު ކުރިމަތިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވާއިރު ހިރަފުސްގެ ގުރެއިސް ވެސް ވަނީ ހުސް ފުރުސަތެއް ބޭކާރު ކޮށްލާފަ އެވެ.

ދެވަނަ ހާފު ހިރަފުސް އިން ރަނގަޅަށް ފަށައި ކައިރި ކައިރީގައި ތިން ލަނޑު ވަނީ ކާމިޔާބުކޮށްފަ އެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓްގައި ޓީމް ކޮރަލްސްގެ އަހްމަދު ދާއޫދު ހެދި ގޯހެއްގެ ފައިދާ ނަގައި ގުރެއިސް ވަނީ ގޯލު ހުޅުވާފަ އެވެ. މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ގުރެއިސް އޭގެ ފަސް މިނެޓް ފަހުން ޕެނަލްޓީ އޭރިޔާ ބޭރުން ބާރު ސޮޓެއް ހަދައި އިތުރު ލަނޑެއް ވަނީ ޖަހާފަ އެވެ.

ހިރަފުސްގެ ތިން ވަނަ ލަނޑަކީ އަސްލަމް މުހައްމަދުގެ ހިލޭ ޖެހުމަކުން އެ ޓީމުގެ އަބްދުލް ރަހީމް ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ.

ޓީމް ކޮރަލްސްގެ ހަމައެކަނި ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ނޫރުﷲ ތޯހާ ހެދި ސޮޓަކުން ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ އަކުން އަހްމަދު ދާއޫދު ކާމިޔާބުކުރި ލަނޑެކެވެ.

ހަފްތާ ބަންދުގައި ހުކުރު ދުވަހު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ޒިގްޒެގްއިން މޮޅަށް ކުޅެ 1-0 ގެ ލީޑެއް ވަނީ ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 36 ވަނަ މިނެޓްގައި އަބޫބަކުރު އާދަމް އެވެ.

ފަހު ހާފުގެ ކުރީކޮޅު ކޮރަލްސް ޔުނައިޓެޑް އިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. މި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މުހައްމަދު އާދަމް އާއި އަބްދުލް މަޖީދު އާދަމް އެވެ. މެޗު ނިމެން 4 މިނެޓަށްވެފައިވަނިކޮށް ޒިގްޒެގްގެ އަހްމަދު ނަދީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކޮރަލްސް ޔުނައިޓެޑްގެ މުހައްމަދު އާދަމް (ކާއްޓޭ) އެވެ.

އަންނަ ހަފްތާގެ ހޮނިހިރު ދުވަހު މި މުބާރާތުގެ ފަހު މެޗުގައި ކުޅޭނީ ވިއްސާރަވުމުގެ ސަބަބުން ފަސް ކުރެވިފައިވާ ހިރަފުސް އަދި ޒިގްޒެގްގެ މެޗެވެ. މި މެޗު ކުޅޭނީ ހިރަފުސް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355