އާދަމް އިސްމާއީލް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ޓީމް ކޮރަލްސް އަށް ކުޅުނު ނޫރުﷲ ތޯހާ ހޮވިއްޖެ އެވެ.
ވިއްސާރާއިގެ ސަބަބުން ފަސްކޮށްފައިވާ ހިރަފުސް އަދި ޒިގްޒެގް ގެ މެޗަށްފަހު އިއްޔެ ވަނީ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ އަދި މެޑަލް ދީފަ އެވެ.
އިއްޔެ ކުޅުނު މެޗު 3-1 އިން ހިރަފުސް އިން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް މެޗުގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރި އިސްމާއީލް އަހްސަން އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އަލީ އާދަމް ޒިގްޒެގްގެ ނަތީޖާ ހަމަހަމަކޮށްދީފައިވީ ނަމަވެސް މެޗުގެ ފަހު ވަގުތު ހިރަފުސްގެ އަބްދުލްރަހީމް އަބޫބަކުރު ވަނީ ދެ ލަނޑު ޖަހައި ހިރަފުސް މޮޅުކޮށްދީފަ އެވެ.
ހިރަފުސްއިން 16 ޕޮއިންޓާއެކު ލީގު ކާމިޔާބުކުރިއިރު އެ ޓީމުން ވަނީ މި މުބާރާތުގައި ޒިގްޒެގްގެ ދަނޑުގައި ކުޅުނުއިރު އެއްވަރުވި މެޗު ފިޔަވައި އެހެން ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. ދެވަނަ އަށް ދިޔަ ޓީމު ކޮރަލްސް އިން 12 ޕޮއިންޓާއެކު ނިންމާލިއިރު އެ ޓީމު ވަނީ ހިރަފުސްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ތިން ވަނަ އަށް ދިޔަ ޒިގްޒެގްއިން 5 ޕޮއިންޓާއެކު ލީގު ނިންމާލިއިރު އެ ޓީމު މޮޅުވެފައި ވަނީ ހަމައެކަނި ކޮރަލްސް ޔުނައިޓެޑާ ދެކޮޅަށް ކޮރަލްސް ދަނޑުގައި ކުޅުނު މެޗުންނެވެ. އަދި 1 ޕޮއިންޓާއެކު ކޮރަލްސް ޔުނައިޓެޑުން ލީގު ނިންމާލިއިރު ޒިގްޒެގްގެ ދަނޑުގައި އެއްވަރުވި މެޗު ފިޔަވައި އެހެން ހުރިހާ މެޗަކުން އެޓީމު ވަނީ ބަލިވެފަ އެވެ.
އާދަމް އިސްމާއިލްގެ ލީގު ކާމިޔާބުކުރި ހިރަފުސް
ވޭތުވެދިޔަ އަތޮޅު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހދ ހަނިމާދޫގެ އުއްމީދީ ކުޅުންތެރިޔާ ނޫރުﷲ ތޯހާ (ނޭމާ) ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ އުއްމީދީ ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފަ އެވެ. އޭނާ ވަނީ ޖުމްލަ 8 ގޯލު މި މުބާރާތުގައި ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ ސިލްވަރ ބޯލް ހާސިލްކުރި ހދ ނޮޅިވަރަމްގެ އުއްމީދީ ފޯވާޑު އަބްދުލް ރަހީމް އަބޫބަކުރު (އައްދު) ވެސް ވަނީ މި މުބާރާތުގައި 8 ލަނޑު ޖަހާފަ އެވެ. މުބާރާތުގެ ބްރޮންޒް ބޯލް ހާސިލް ކުރީ ހިރަފުސްގެ ތަޖުރިބާކާރު މިޑްފީލްޑަރ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ.