ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން އައިލަންޑާސް ކަޕްގައި ކުޅުދުއްފުށީ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށް އެ ރަށެއްގެ ޓީމަށް ކުޅެވޭ ގޮތަށް ހުޅުވާލައިގެން މާލޭގައި ބޭއްވޭ ފުޓްސަލް މުބާރާތުގައި ރޭ ކުޅުދުއްފުށި ޓީމު މޮޅުވީ ވޭމަންޑޫއާ ވާދަކޮށް 3-2 އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއެއްހާ ހިސާބުން ކުޅުދުއްފުށީ ޓީމުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ކުޅުދުއްފުށީ ޓީމުގެ ފުރަތަމަ ލަނޑަކީ މުހައްމަދު ޒަކަރިއްޔާ (ކެރިކް) ވަރަށް ހަމަޖެހިލާފައި ތިރީ ކަނަށް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ކުޅުދުއްފުށީ ޓީމުގެ އަހްމަދު މުހައްމަދު(ވެނިސް) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލީ (ރުއްކެ) އެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ މުަހައްމަދު އަލީ (ރުއްކެ)
އިތުބާރު ފޯވާޑް ޒައިދު މުހައްމަދު އަދި ޑިފެންޑަރު އަބްދުﷲ އަބޫބަކުރު (ބަކާ) ނުލައި ކުޅުނު މެޗުގެ ދެވަނަ ހާފުގެ މެދު ތެރެއިން ވޭމަންޑޫ ޓީމުން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ލަނޑު އެ ޓީމުން ކައުންޓަރ އެޓޭކެއްގައި ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ހުސް ފުރުސަތެއްގައިި ކާމިޔާބުކުރި ލަނޑެކެވެ.
ޑިފެންސިވް ކޮށް ކައުންޓަރ އެޓޭކު ކުރާ ގޮތަށް ކުޅުނު މި މެޗުގެ ފަހު ވަގުތު ކުޅުދުއްފުށީ ޓީމުގެ ޝާފީ މުހައްމަދު ވަނީ ވަރަށް ހަނި އެންގަލެއްގައި ހުރެ ލަނޑެއް ކާމިޔާބުކޮށް ޓީމު މޮޅު ކޮށްދީފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކުޅުދުއްފުށީ ޓީމުގެ ކެޕްޓަން މުހައްމަދު އަލީ (ރުއްކެ) އެވެ.
ޓީމުގެ ދެވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ 2100 ގައި ކުޅުދުއްފުށި ޓީމު ނުކުންނާނީ ރ މަޑުއްވަރީއާ ދެކޮޅަށެވެ. މެޗު އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ.