އައިލަންޑާސް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފޭދޫއާ ދެކޮޅަށް ކުޅުނު މެޗުން ކުޅުދުއްފުށި 3-1 އިން ބަލިވެއްޖެ އެވެ.
މި މެޗަށް ނުކުތްއިރު ދެ ޓީމުންވެސް ދެވަނަ ބުރަށް ދަތުރުކޮށްފައި އޮތުމުން ދެ ޓީމުންވެސް ބޮޑަށް ކުޅެފައިވަނީ ޑިފެންސިވް ގޭމެކެވެ.
ގްރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށް ބެލެވިފައި އޮތް ފޭދޫ ޓީމުން މެޗުގެ ކުރީކޮޅު ވަނީ ލަނޑު ޖަހައި ލީޑު ހޯދައި ޑިފެންސް ކުރަން ފަށާފަ އެވެ. ކުޅުދުއްފުށީ ޓީމުން ލަނޑެއް ޖެހޭތޯ ކުރަމުން ދިޔަ މަސައްކަތް ފުރަތަމަ ހާފު ކާމިޔާބުނުވި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ އަސްވަދު ރަޝީދު (އަސްލޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން މުހައްމަދު އަލީ (ރުއްކެ) އެވެ.
ނަމަވެސް ދެވަނަ ހާފުގެ 6 ވަނަ މިނެޓްގައި ފޭދޫ ޓީމުން ކުޅުދުއްފުށީ ޓީމުގެ ކައުންޓަރ އެޓޭކެއް ހުއްޓުވައި އުފެއްދި ހަމަލާއެއްގައި ލަނޑު ޖަހައިގެން އަލުން ވަނީ ލީޑު ހޯދައިދީފަ އެވެ. މި ލަނޑު ޖެހުމާއެކުވެސް ކުޅުދުއްފުށި ޓީމުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ.
އަހްމަދު މުހައްމަދު (ވެނިސް)، މުހައްމަދު ޒަކަރިއްޔާ (ކެރިކް)، އަބްދުﷲ އަބޫބަކުރު (ބަކާ) އަދި ޒައިދު މުހައްމަދު ނުލައި ކުޅުނު މި މެޗުގައި ފޭދޫ ޓީމުން ވަނީ އޭގެ ފަސް މިނެޓް ފަހުން ލީޑު ފުޅާކޮށް ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޭދޫ ޓީމުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފޭދޫ ކުރިން ކުޅުނު ދެ މެޗުގައިވެސް ހޯދި އިބްރާހިމް މަހުދީ އެވެ.
ގްރޫޕްގެ އެއްވަނަ ފޭދޫއިން 9 ޕޮއިންޓާއެކު ހޯދިއިރު ކުޅުދުއްފުށި ދެވަނައަށް ދިޔައީ 6 ޕޮއިންޓާއެކު އެވެ. ކުޅުދުއްފުށި މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނެ ކަމަށް ބެލެވިފައިވަނީ ވޭތުވެދިޔަ އަހަރު ސެމީގައި ކުޅުނު ތ ތިމަރަފުއްޓާ ދެކޮޅަށެވެ.
މެޗަށްފަހު ޓީމުގެ އިސް އޮފިޝަލެއްގެ ގޮތުން އަދި ކޯޗުގެ ގޮތުން މަސައްކަތް ކުރާ މުހައްމަދު މޫސާ (އޮޓްޕޯ) ބުނީ ދެވަނަ ބުރުގެ ކުރިން ބައްޔެއް ވުމަކީ ރަނގަޅު ފާލެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި ޓީމު ދެވަނަ ބުރުގައި އިތުރަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށެވެ.