ސ ފޭދޫ 5-2 އިން ބަލިކޮށް އައިލަންޑާސް ކަޕްގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދައިފި އެވެ.
މެޗުގެ ދެވަނަ މިނެޓްގައި ފޭދޫ ޓީމުގެ އަލީ ލިރްގާމް ފޭދޫއަށް ލީޑު ނަގައިދީފައިވާއިރު އޭގެ ދެ މިނެޓް ފަހުން ތިމަރަފުށިން އުފެއްދި ހަމަލާއެއްގައި ފޭދޫގެ ގައްސާމް އަތުން ބައިކޮޅަށް ލަނޑެއްވަދެ ނަތީޖާވަނީ ހަމަހަމަވެފަ އެވެ. ތިމަރަފުށިން ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓްގައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އިބްރާހިމް ހަމްދާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފުރަތަމަ ހާފު 2-1 އިން ނިމިގެން ދިޔައިރު ފަހު ހާފު ފަށައިގެން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ފޭދޫއިން އުފައްދާފައިވެ އެވެ. ނަމަވެސް ފޭދޫއިން ކުރަމުން ދިޔަ މަސައްކަތުގެ ހުރަހަކަށް ވީ ތިމަރަފުށީގެ ކީޕަރ ޝަރުހާން އެވެ. ފޭދޫއިން ފަހު ހާފުގެ ފުރަތަމަ ފަސް މިނެޓްތެރޭ ދުރުން ސޮޓް ހަދަމުން ދިޔައިރު ގޯލުގެ ހުރަސް ދަނޑިއަށް ވަނީ ދެ ހަމަލާއެއް އަމާޒުވެފަ އެވެ.
ނަމަވެސް ފޭދޫއިން ލަނޑެއް ޖެހުމުގެ ކުރިން ތިމަރަފުށީގެ އާދަމް ނާސިހް ވަނީ ދެ ލަނޑު ޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ. މެޗުގެ 37 ވަނަ މިނެޓްގައި ފޭދޫއަށް ލިބުނު ޕެނަލްޓީއެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ތިމަރަފުށީގެ ކީޕަރ ޝިރުހާން ދިފާއުކޮށްފައިވާއިރު ފޭދޫ އިން ވަނީ 38 ވަނަ މިނެޓްގައި ލަނޑެއް ޖަހައި ފަރަޤު ކުޑަކޮށްފަ އެވެ. ނަމަވެސް ތިމަރަފުށިން ވަނީ މެޗުގެ ފަހު ވަގުތު ލަނޑު ޖަހައި ނަތީޖާ 5-2 އަށް ބަދަލުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ލ ގަމުގެ އަހްމަދު ހަލީމް، ކުޑަހުވަދޫ ޓީމުގެ ހާރޫން އިބްރާހިމް، ތިމަރަފުށީގެ އިބްރާހިމް ހަމްދާން އާއި އެ ޓީމުގެ ގޯލު ކީޕަރ މުހައްމަދު ޝަރުހާންގެ އިތުރުން ސ ފޭދޫ ޓީމުގެ އިބްރާހިމް މަހްދީ އެވެ.
މި މުބާރާތުގެ ތިން ވަނަ ލ ގަން ހޯދާފައިވާއިރު އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ އަހްމަދު ހަލީމް އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ދ ކުޑަހުވަދޫ އެވެ.
މިއީ މި ނަމުގައި ބޭއްވުނު ދެވަނަ މުބާރާތަށްވާއިރު ދެ މުބާރާތުގައިވެސް ކުޅުދުއްފުށި ޓީމް ކަޓާފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ އަތުން ބަލިވެގެންނެވެ.