twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފޯރިގަދަ ޕެރަ ބައިބަލާ ޗެލެންޖް ރޭ ފަށައިފި

Jul 19, 2015

ފިތުރު އީދާ ގުޅުވައިގެން ކުޅުދުއްފުށީގައި ބާއްވާ ޕެރަ ބައިބަލާ ޗެލެންޖް ރޭ ފަށައިފި އެވެ.

ބަންޑާރަ މައިދާނާ ދިމާ ވެލިގަނޑު ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތް ހުޅުވައިދެއްވީ ޕެރައިގެ ފަރާތުން ކުޑޭ ނިޔާޒާއި އަބުދުލް ލަތީފެވެ.

މި އަހަރުގެ މުބާރާތުގައި 5 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ މަންގަނޑު، މިސްޓޭކް، ދަލުބޭރު، ޖެމްރޮކް އަދި ނިއުއޭޖް އެވެ.

ހަމައެކަނި ކުޅުދުއްފުއްޓަށް ހުޅުވާލައިގެ ކުޅޭ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާ ހުށަހެޅިފައިވާއިރު ރަނަރއަޕް ޓީމަށް 7000 ރުފިޔާ ހުށަހެޅިފައިވެ އެވެ. އަދި މިސްޓަރ ބައިބަލާއަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ހުށަހެޅިފައިވެ އެވެ.

ޕެރަ ބައިބަލާ މުބާރާތް ފެށުމުގެ ގޮތުން އަބުދުލް ލަތީފް ވާހަކަ ދައްކަވަނީ–

މީގެ އިތުރުން އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔާ (އެތެރެއަށް އެންމެ މޮޅު ކުޅުންތެރިޔާ)، އެންމެ މޮޅު އެޓޭކިން ކުޅުންތެރިޔާ (ބޭރަށް އެންމެ މޮޅު ކުޅުންތެރިޔާ)، އެންމެ މޮޅު ފަސް ކުޅުންތެރިންގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާހެ މަޤާމުވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިތުރު އީދާ ދިމާކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި ރޭ ހަތަރު މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޖެމްރޮކް އަދި ދަލު ބޭރުންނެވެ. މި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށްފައިވަނީ ޖެމްރޮކުންނެވެ.

ރޭގެ މެޗުގެ ތެރެއިން–

ރޭގެ ދެވަނަ މެޗުގައި ވޭތުވެދިޔަ އަހަރުގެ ރަނަރއަޕް ނިއުއޭޖް ކުޅެފައިވަނީ މި އަހަރު އަލަށް މި މުބާރާތުގައި ވާދަކުރާ މިސްޓޭކްއާ އެވެ. މި މެޗުގައި ދެ ޓީމުންވެސް ވަނީ އެތެރެ ގޭމް ކާމިޔާބުކޮށްފަ އެވެ. 1-1 އިން ދެ ގޭމް އެއްވަރުވުމުން ގަދަ ހިފުމަށް ގޮސްގެން ނިއުއޭޖް ވަނީ 2 ގޭމް 1 ގޭމް އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ތިން ވަނަ މެޗުގައި ވޭތުވެދިޔަ އަހަރުވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ދެ ޓީމު ކަމުގައިވާ މަންގަނޑު އަދި ދަލުބޭރުން ކުޅުނު މެޗު ސީދާ ދެ ގޭމުން ކާމިޔާބުކުރީ މަންގަނޑުންނވެ.

ރޭގެ މެޗެއްގެ ތެރެއިން–

މި މުބާރާތުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ވޭތުވެދިޔަ އަހަރު ފައިނަލުގައި ބައްދަލުކުރި ނިއުއޭޖް އަދި ޖެމްރޮކެވެ. މި މެޗުގައިވެސް ދެ ޓީމުންވެސް އެތެރެ ގޭމް ކާމިޔާބުކޮށްފައިވާއިރު ގަދަހިފުމަށް ގޮސްގެން 2 ގޭމް 1 ގޭމް އިން މެޗު ކާމިޔާބުކުރީ ނިއުއޭޖުންނެވެ.

މި މުބާރާތުގައި މިރޭ 3 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖެމްރޮކް އަދި މަންގަނޑެވެ. ދެވަނަ މެޗުގައި ނިއުއޭޖް އަދި ދަލުބޭރުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު ފަހު މެޗުގައި ބައްދަލުކުރާނީ މިސްޓޭކް އަދި މަންގަނޑެވެ. މިރޭގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355