ކުޅުދުއްފުށީ ހިރަފުސް ދަނޑުން އިންތިޒާމްކޮށްގެން ބާއްވާ ހިރަފުސް ކަޕް 8 ފެށިއްޖެ އެވެ.
8 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ އެފްޓީ ބީސް އަދި ބްލެކް ޑަސްޓް އެވެ. މި މެޗު 3-2 އިން ކާމިޔާބުކުރީ ބްލެކް ޑަސްޓް އެވެ.
މިއަދުގެ މެޗުގެ ކުރީކޮޅު ބްލެކް ޑަސްޓްގެ ސިނާން އިބްރާހިމް(ސިންނެ) ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލަށް ވަދެ ބްލެކް ޑަސްޓްއިން ވަނީ ލީޑު ހޯދާފަ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ބީސްގެ އަރުސަދު ހަސަން (އަރޭ) ހޭންޑު ވުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވަނީ ލީޑު ފުޅާކޮށްފަ އެވެ.
ފުރަތަމަ ހާފު ބްލެކް ޑަސްޓްއިން ކޮންޓްރޯލް ކުރި ނަމަވެސް ބީސް އިން ވަނީ ދެވަނަ ހާފު ކުޅުން ރަނގަޅުކޮށްފަ އެވެ. މިގޮތުން މުހައްމަދު އާދަމް (ކާއްޓެ) އަށް ބްލެކް ޑަސްޓް ގެ އާދަމް އަބްދުﷲ (ޒުވާރި) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބީސްގެ ހަސަން މުހައްމަދު (ނޫވިލޭ) ވަނީ ނަތީޖާގެ ފަރަޤު ކުޑަކޮށްފަ އެވެ.
ނަމަވެސް މި ލަނޑު ކާމިޔާބުކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ބްލެކް ޑަސްޓްގެ ނަވާޒް އައްސަދު ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ.
ދެވަނަ ހާފް ބީސްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު ބީސްގެ އަހްމަދު ހަސަން (ބަންނަ) ނަގައިދިން ކޯނަރަކުން މުހައްމަދު އާދަމް (ކާއްޓޭ) ވަނީ ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލެކް ޑަސްޓްގެ ހަސަން އަހްމަދު (ސީނޯ) އެވެ.
ޖުލައި މަހުގެ 25 އިން އޯގަސްޓް 10 އަށް ކުރިއަށްދާ މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަލްކް އަދި ޕެންޓަގްރާމް އެވެ.