ކުއަންޓަމް އިން އިންތިޒާމް ކޮށްގެން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ކުއަންޓަމް ވެޓަރަންސް ކަޕް 2015 ގެ ގުރުއަތުލުން ބާއްވައިފި އެވެ.
ހދ އޭއީސީގެ ޓީއާރްސީގައި ރޭ އޮތް ރަސްމިއްޔާތެއްގައި ވަނީ މި އަހަރުގެ މުބާރާތުގެ ގުރު ނަގައި ޓީމްތައް ބަހައިފަ އެވެ.
21 އޯގަސްޓްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 10 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު ޖުމްލަ 80 ކުޅުންތެރިން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.
މުބާރާތް 2 ގުރޫޕަކަށް ބަހައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދައި 4 ޓީމަށް ކުއާޓަރ ފައިނަލްއިން ޖާގަ ލިބޭނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާ މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު ފައިސާގެ އިނާމު ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުއަންޓަމްގެ ވެރިފަރާތް އަހްމަދު ދީޕު މައުލޫމާތު ދެއްވި އެވެ. އަދި ރަނަރއަޕް ޓީމަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނާއި 45 އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފ ދަ މެޗު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ކުއަންޓަމް އިން މައުލޫމާތު ދެ އެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާވެސް ވަނީ ހޮވުމަށް ހަމަޖެހިފަ އެވެ.
ވޭތުވެ ދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމް ވާދަކޮށްފައިވާއިރު ޗެމްޕިއަންކަން ހޯދީ ހެވިޓް އެވެ.