ކުއަންޓަމް ވެޓަރަންސް ކަޕް 2015 ގެ ޗެމްޕިއަންކަން ޓީމް ސެލްފީ ހޯދައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު ޓީމް ސެލްފީއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 6-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުދުއްފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ފައިނަލް މެޗުގެ 5 ވަނަ މިނެޓްގައި ޓީމް ސެލްފީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިދީފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޭ ސެލްފީ ޓީމުން ޖެހި 3 ލަނޑުވެސް ކާމިޔާބުކުރި އަރަފާތު އަލީ އެވެ. އޭގެ 3 މިނެޓް ފަހުން އަރަފާތު ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަޤު ބޮޑުކޮށްފަ އެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިއްފަތު ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ–ފޮޓޯ: ވާހިދު
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެއިސްޓަރ އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި 18 ލަނޑު ޖަހައިފައިވާ އަބްދުލް މަޖީދު ހަސަންގެ އިތުރުން އެ ޓީމުގެ އަލީ ވަހީދު އެވެ.
ފަހު ހާފުގެ ގިނަ ވަގުތު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ޖެހިފައި ނުވާއިރު ދެ ޓީމުގެ ގޯލު ބަލަހައްޓަން ތިބި ދެބެން ކަމުގައިވާ އަބްދުލް ޤުއްދޫސް އުމަރު އަދި އަބްދުލް ޤައްޔޫމް އުމަރު ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ހަމަލާތައް ދިފާއުކޮށްފަ އެވެ. ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އަރަފާތު ވަނީ އަނެއްކާވެސް ސެލްފީ ޓީމަށް ލީޑު ނަގައިދީފަ އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން–ފޮޓޯ: ވާހިދު
މި ލަނޑާއެކު މެއިސްޓަރގެ ކުޅުން ވަރުގަދަކޮށް މެޗުގެ 39 ވަނަ މިނެޓްގައި އަބްދުލް މަޖީދު ހަސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީ މެޗު ޕެނަލްޓީއަށް ގެންގޮސްފަ އެވެ.
ސެލްފީއިން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަރަފާތު އަލީގެ އިތުރުން މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ މައުރޫފް އާދަމް އަދި މުހައްމަދު އާދަމް އެވެ. މެއިސްޓަރއިން ޖެހި ފުރަތަމަ ޕެނަލްޓީ އަސްލަމް މުހައްމަދު (ލަމްބޯ) ޖެހިއިރު އެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެ ޓީމުން ދެން ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަބްދުލް މަޖީދު އެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަރަފާތު އަލީ އެވެ. އަދި މުބާރާތުގައި 20 ލަނޑު ކާމިޔާބުކޮށް ރަންބޫޓް ހާސިލްކުރީ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ. މުބާރާތުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕިއެރާގެ ކީޕަރ އައްސަދު މޫސާ އެވެ.
45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައްސަދު–ފޮޓޯ: ވާހިދު
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ސެލްފީގެ އަރާފާތު އަލީ އާއި އެ ޓީމުގެ ކީޕަރ އަބްދުލް ޤައްޔޫމް އުމަރު، ރަނަރއަޕް މެއިސްޓަރގެ އަސްލަމް މުހައްމަދު، ޕިއެރާގެ ޖަލީލް އަލީގެ އިތުރުން އެފްސީ ނިޒާރުގެ އަބްދުލް ހަކީމް އެވެ.