ފުރަތަމަ ޓާގެޓަކީ މާދަމާގެ މެޗު ކާމިޔާބު ކުރުން ކަމަށް ނިއުރޭޑިއަންޓްގެ ކޯޗް ސޮބާހް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުދުއްފުށި ހިރަފުސް ދަނޑު އޮތް ޓީމްގެ ޕްރެކްޓިސްއަށް ފަހު “ކުޅުދުއްފުށި އޮންލައިނަށް” ދިން އިންޓަވިއުގައި ސޮބާހް ވިދާޅުވީ ފުރަތަމަ ޓާޖެޓަކީ ފުރަތަމަ މެޗުން ކާމިޔާބުކޮށް އެގޮތަށް ގޮސް ފައިނަލް މެޗުވެސް ކާމިޔާބު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ޕްރެޒިޑެންޓް ކަޕްގެ ތަށި ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކޮންމެ މެޗަކީ ވެސް އުނދަގޫ ވާނެ މެޗެއް ކަމަށެވެ. އުއްމީދުކުރަނީ ފުރަތަމަ މެޗް ކާމިޔާބު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީ ސްޓޭޑިއަމް ދަނޑަށް ވުރެ ހިރަފުސް ދަނޑު ކުޅެން ފަސޭހަ ކަމަށެވެ.
އަދި ނިއު އިން ޕްރެކްޓިސް ކުރާ ހިރަފުސް ދަނޑުގެ ވިނަގަނޑުގެ ފެންވަރު ރަނގަޅުކަން ނިއުގެ ކޯޗު ވަނީ ފާހަގަކޮށްފަ އެވެ. ޒުވާނުންތަކެއް އަމިއްލަ މަސައްކަތުން ދަނޑު ބަލަހައްޓާތީ އެފަރާތްތަކުން ކުރާ ބުރަ މަސައްކަތް ސޮބާހް ފާހަގަކުރި އެވެ. އަދި މިފަދަ ދަނޑުތަކަށް ސަރުކާރާއި އެފްއޭއެމްގެ އެހީތެރިކަން ދިނުމަށް އޭނާ އެދުނެވެ.
މިއަދުގެ ޕްރެކްޓިސްގައި ނިއުގެ ކޯޗް ސޮބާހް ކުޅުންތެރިނަށް އިރުޝާދުދެއްވަނީ–ފޮޓޯ: ވާހިދު
ސޮބާހް ވިދާޅުވީ ޓީމް ވަރުގަދަ ކަމަށާއި މާދަމާ ފެށޭ މިމުބާރާތަށް ޓީމް ކުރާ އުއްމީދުވެސް ވަރުގަދަ ކަމަށެވެ. ޓާގެޓަކީ ސީޒަން ނިންމާލާއިރު ހުރިހާ ތައްޓެއް ހޯދުން ސޮބާހް މުހައްމަދު ވިދާޅުވި އެވެ.
މާދަމާ ކުޅުދުއްފުށީގައި ފަށާ ޕްރެޒިޑެންޓް ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބެވެ.