ބީޖީ ސްޕޯޓްސް ކުލަބަކީ މި އަހަރުގެ ގެ ލީގުގައި އެންމެ ވާދަވެރި އަދި އިންޕްރޫވްމެންޓް އައި އެންމެ ވަރުގަދަ އެއް ކުލަބުކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ސޮބާހު މުހައްމަދު ބުނެފި އެވެ.
މިއަދުގެ މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސޮބާހު ބުނެފައި ވަނީ ފުރަތަމަ ހާފުގައި ބީޖީގެ ވަރުގަދަކަން ފެނިގެންދިޔަކަމަށާއި އަދި އެކަމުގެ އުނދަގޫތައް ނިއުރޭޑިއަންޓަށް ކުރިމަތި ވި ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ޓީމަށް ގެނައި ބަދަލުތަކާއެކު ޕްލޭން ރަނގަޅަށް ދިޔުމުން ރަނގަޅު ލީޑަކާއެކު ކާމިޔާބު ކުރެވެމުން ހިތްހަމަޖެހޭ ކަމަށެވެ.
ސޮބާހު ބުނެފައި ވަނީ ކޮންމެ ކުޅިވަރެއްގައި ވިޔަސް އިދިކޮޅު ހުރިހާ ޓީމެއްގެ ޕްރެޝަރު އަންނާނެ ކަމަށާއި ހުރިހާ ޓީމުތަކުންވެސް ބޭނުންވަނީ މިއަހަރު ނިއުއަށް ކާމިޔާބު ނުވުން ކަމަށެވެ. އަދި ނިއު ޓީމުގައި ތިބި ގައުމީ ފެންވަރުގެ ކުޅުންތެރިންނަކީ އެކި ލެވެލްގެ ޕްރެޝަރު ހޭންޑްލްކޮށްފައި ތިބި ކުޅުންތެރިން ކަމަށެވެ.
“އޯވަރޯލްކޮށް ބުނާނަމަ ފުރަތަމަ ހާފުގައި ދިޔައީ ދަށްކޮށް. ނަމަވެސް ފަހު ހާފުގައި އަޅުގަނޑުމެން ބޭނުންވި ގޮތަށް ކުރިޔަށް ކޮއްޕާލައިފަ ނަސީބު ރަނގަޅުކަމުން ގޯލެއް އައި ރަނގަޅު ޓައިމްގައި. އަނެއްކައި ދެވަނަ ގޯލެއް އައި. އެހެން ވީމާ ފަހު ހާފުގައި އެ ކޮއްޕާލި ގަޑީގައި ގޯލެއް އައުން މިއީ ހަމަ މެޗު އެނބުރިގެން ދިޔަ ގޮތް”
ސޮބާހު ބުނީ މިއަދުގެ މެޗުގައި ނިއުގެ ފުރަތަމަ ގޯލް ޖަހައިދިން ވިލިއަމްގެ މޮޅު ކުޅުން ފެނިގެން ދިޔަ ކަމަށާއި ރާއްޖޭގައި ވިލިއަމް ފަދަ މޮޅު ކުޅުންތެރިޔެއް ނެތް ކަމަށެވެ.
ނިއު އާއި ބިޖީ ބައްދަލުކުރި މެޗު ނިއު އިން މިއަދު ކާމިޔާބު ކުރީ ފަހަތުން އަރާ 3-1 އިންނެވެ.