twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފަހު ހާފުގެ ލަނޑުތަކުން މަހިބަދޫގެ މައްޗަށް ޓީސީއިން ކުރި ހޯދައިފި

Sep 16, 2015

ފަހު ހާފު ކާމިޔާބުކުރި ލަނޑުތަކުން މަހިބަދޫގެ މައްޗަށް ޓީސީއިން 2-0 އިން ކުރިހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު މެޗުގެ ކުރީކޮޅު މަހިބަދޫ ޓީމުން ވަނީ ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަން މަސައްކަތްކޮށްފަ އެވެ.

މެޗުގެ 25 ވަނަ މިނެޓްގައި މަހިބަދޫ ޓީމަށް ލިބުނު ޕެނަލްޓީއެއް ޓީސީގެ ކީޕަރ މުހައްމަދު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ. މި ޕެނަލްޓީއަށްފަހު ޓީސީއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފަ އެވެ.

ފަހު ހާފު ފަށައިގެން ޓީސީއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު ޓީސީއިން ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފަ އެވެ. މަހިބަދޫގެ ޑިފެންސް ލައިނަށް ޕެނަލްޓީ އޭރިޔާ ތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓީސީއިން ވަނީ މެޗުގެ 66 ވަނަ މިނެޓްގައި ލީޑު ހޯދާފަ އެވެ.

މި ލަނޑާއެކު މަހިބަދޫއިން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ޓީސީއިން ވަނީ 88 ވަނަ މިނެޓްގައި ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފިންހާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ ދަނޑުގެ ވިނަގަނޑު އުދަނގޫ ވުމާއި ހާމަކޮށް ދަނޑު އޮތުމުން ޓީސީއަށް މި މެޗުގައި ކުޅެން އުދަނގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި ދެވަނަ ހާފުގައި ލޯންގް ބޯލްއަށް ބަދަލުކޮށް ކުޅެން ފެށުމުން މެޗުގެ ކޮންޓްރޯލް ލިބުނު ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.

މަހިބަދޫގެ ކޯޗު ބުނީ ގޭމް އެނބުރުނީ ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން ކަމަށާއި ޓީމު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ކޯޗު ފާހަގަކުރި އެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ މަހިބަދޫ އާއި ބީޖީ އެވެ. އަދި ގުރޫޕް ބީ ގައި ހަމަ އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އަދި ވެލެންސިޔާ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355