ޕްރެޒިޑެންޓްސް ކަޕްގެ ކުޅުދުއްފުށީ ގުރޫފްގައި މިއަދު ކުޅުނު ފަހު މެޗުގެ ބީޖީ އަތުން ބަލިވިނަމަވެސް ގޯލްގެ ތަފާތުން ކުރި ހޯދައިގެން މުބާރާތުގެ ސެމީގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކަށަވަރުކޮށްފި އެވެ.
ބީޖީ އަށް ސެމީގެ ފުރުސަތު ލިބެން އޮތީ މިއަދުގެ މެޗު ދެ ލަނޑުގެ ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. ޓީސީ އަތުން ބީޖީ މޮޅުވީ 1-0 ލަނޑުންނެވެ.
މި މެޗްގައި ބީޖީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑެނިއަލްއެވެ.
ޓީސީ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ބީޖީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ގޯލްގެ ތަފާތުންނެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީފައިނަލްގައި އަންނަ އާދިއްތަ ދުވަހު ޓީސީ ބައްދަލުކުރަން ޖެހޭނީ މާޒިޔާ ސްޕޯޓްސް ކްލަބާއެވެ.
މެޗުގެ 89 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް މިގްދާދް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބީޖީގެ ޑޭވިޑް އަށް ހަމަލާ ދިނުމުންނެވެ.
މެޗަށްފަހު ބީޖީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ޓީސީގެ މައްޗަށް ކުރި ހޯދުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާ މި ލިބިގެންދިޔަ ފިލާވަޅާއެކު ދެން ކުރިއަށްއޮތީ ލީގުގައި ރަނގަޅު ވާދައެއް ކޮށް ކާމިޔާބު ހޯދުން ކަމަށެވެ.
ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ކައިރި ކައިރީގައި މެޗްތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ރިކަވާވާން އުނދަގޫވި ކަމަށާ މިއަދުގެ މެޗަކީ ޓީސީގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެންދިޔަ މެޗެއްކަމަށެވެ.