ކުޅުދުއްފުށީގެ ދެ އެތްލީޓުންކަމަށްވާ ހުސެއިން ރިޒާ އަދި އަހުމަދު އަނޫފް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޮޓްސްވާނާއަށް ޓްރެއިނިންގއަށް ފޮނުވާ އެތްލީޓުންގެތެރޭގައި ހިމެނިއްޖެ އެވެ.
4 އަހަރުގެ މިޓްރެއިނިން މި 2 ދުވުންތެރިންގެ އިތުރުން ހޮވިފައިވަނީ އިސްކަންދަރު ސްކޫލްގެ މުޙައްމަދު ނާއިލް އަދި ފުވައްމުލަކު އަލީ ޝާމެވެ.
ހުސެއިން ރިޒާވަނީ މިއަހަރު ޖުލައިމަހު މެލޭޝިއާގެ ޖޮހޯރުގައި ބޭއްވި ޖޮހޯރު އޯޕަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 800މ ދުވުމުން ބްރޮންޒް މެޑެލް ހޯދާ މިދިއަ މާރޗްމަހު އޮތް މަކިޓާ 8 ވަނަ އެޓޯލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމުވެސް ހޯދާފަ އެވެ. އަދި އޭނާވަނީ މިހާތަނަށް ބައިނަލްއަގުވާމީ 7 މުބާރާތެއްގައި ވާދަކޮށްފަ އެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު އަނޫފްވަނީ އިންޓަރ ސްކޫލް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތްލީޓްގެ މަގާމު ހޯދާ މި އަހަރުގެ މުބާރާތުން 100 އަދި 200މ ދުވުމުން 2 ވަނަ ހޯދައި 400މ ދުވުމުން 1 ވަނަ ހޯދާފައެވެ. އަދި 2015 ވަނަ އަހަރުގެ ނެޝަނަލް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ 100 އަދި 400މ ދުވުމުން 2 ވަނަ ހޯދައި، 200މ ދުވުމުން 1 ވަނަ ހޯދާފައިވެއެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި އެތްލީޓުން ހޮވާފައިވަނީ އެ އެތްލީޓުންގެ ޕާފޯމަންސްއަށް ބަލައިގެންކަމަށާއި އަދި އަހަރަކު އެއްފަހަރު އެ އެތްލީޓުންގެ ޕާފޯމަންސް ރިވިއުކުރެވޭނެ ކަމަށެވެ. އަދި މި ޓްރެއިނިނަށް ޒުވާން ކުދިންކޮޅެއް ހޮވާފައިވަނީ ލޯންގްޓާމަށް ވިސްނައިގެންކަމަށާއި، އެތްލީޓުން މިމަހުގެތެރޭ ފުރުވާލަން މަސައްކަތް ކުރަމުންދާކަމަށްވެސް އެފަރާތުން މައުލޫމަތު ދެއެވެ.
އެގޮތުން މިހާރުދަނީ ވިސާ ހަމަޖެއްސުމުގެ ކަންތައްކަމަށާއި އެތްލީޓުން ފޮނުވާލަނީ ހަމައެކަނި ޓްރެއިނިންގައަށް ނޫންކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމަތު ދެއެވެ. އެގޮތުން އެތްލީޓުން ނޮމިނޭޓްކުރާ ސްކޫލަކީ ރާއްޖެއެކޭ އެއްގޮތަށް ލަންޑަން އޯލެވެލް އާއި އޭލެވެލް ހަދާ ސްކޫލެއްކަމަށާއި، އެހެންކަމުން އެކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާދު ދެއެވެ.