twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެމްޕިއަން ޓީމަށް 10000 ރުފިޔާ ލިބޭ ސްކޫލުތަކުގެ ފުޓްބޯޅަ މުބާރާތެއް ށ. އަތޮޅުގައި ބާއްވަނީ

Nov 15, 2015

ށ. އަތޮޅު ކައުންސިލް އިންތިޒާމްކޮށްގެން އެއަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތަކީ ށ އަތޮޅު ކައުންސިލާއި އެހީދޭ ފަރާތްތަކުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު، ށ އަތޮޅު ކައުންސިލާއި، ސްކޫލްތަކާއި، ރަށު ކަައުންސިލްތަކާ ގުޅިގެން ބޭއްވޭ މުބާރާތެއް ކަމަށް އަތޮޅު ކައުންސިލް މައުލޫމާތު ދެ އެވެ.

އަންނަ ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރަތުގެ ޗެމްޕިޔަން ޓީމަށް 10،000، ރަނަރަޕް ޓީމަށް 7،000 އަދި ފެއަރ ޕްލޭ ޓީމަށް 5،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ކަނޑަ އަޅާފައިއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް 4،000 ރުފިޔާގެ އެލެވެންސަކާއި މުބާރާތް ބާއްވާ ރަށަށް ކުރާ ދަތުރުގެ ހަރަދުވެސް ދިނުމަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހުޅުވާލެވުނު ފުރުސަތުގެ ދަށުން 6 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް ށ އަތޮޅު ކައުންސިލުން ބުނެއެވެ. އެއީ ފޭދޫ ސްކޫލް، ފުނަދޫ ސްކޫލް، ޅައިމަގު ސްކޫލް، މިލަންދޫ ސްކޫލް، ނަރުދޫ ސްކޫލް އަދި ފޯކައިދޫ ސްކޫލެވެ.

މި މުބާރާތަށް ށ އަތޮޅު ކައުންސިލުން 211،970 ރުފިޔާ ހަރަދު ކުރުމަށް ފާސްކޮށްފައިވެއެވެ.

މިއީ ސްކޫލުތަކަށް ހުޅުވާލައިގެން މިހާ ފުޅާކޮށް މިފަދަ މުބާރާތެއް ށ. އަތޮޅު ކައުންސިލުން އެއަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިލަންދޫ އަދި ފޯކައިދޫގަ އެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި، އަތޮޅު ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީ އެ ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުން ކަމަށް ށ އަތޮޅު ކައުންސިލް އިދާރާއިން ބުނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355