މިނިވަން 50 މުބާރާތުގައި މިދިޔަ މަހު 16 ވަނަ ދުވަހު ހަމަނުޖެހުން ހިނގުމުގެ ސަބަބުން ހުއްޓާލި، ކުޅުދުއްފުށި އަދި ނޮޅިވަރަމް ބައްދަލުކުރި މެޗުގެ ނަތީޖާއަކީ މެޗު ހުއްޓާލިއިރު އޮތް ނަތީޖާކަމަށް އެފްއޭއެމްއިން ކަނޑައަޅައިފި އެވެ.
އެދުވަހުގެ މެޗު ހަމަނުޖެހުންތަކުގެ ސަބަބުން މެޗު މެދުކަނޑާލިއިރު ނުކުޅެވި ހުރީ 3 މިނެޓެވެ. އޭރު 1-0 ގެ ތަފާތަކުން ކުރީގައި އޮތީ ނޮޅިވަރަމެވެ.
އެދުވަހުގެ މެޗާ ގުޅިގެން އެފްއޭއެމް މިރޭ ބުނީ މެޗުގެ ހާދިސާތަކުގެ ނިންމުންތައް ނިންމާނީ މެޗުގެ ރެފްރީ ކަމަށެވެ. މެޗު ކުރިއަށް ގެންގޮސް އިތުރު ވަގުތުގެ ބާކީ 3 މިނެޓް ނިންމާނުލެވުނީ ދުމުގެ ސަބަބުންނާއި އަދި މެޗު ކުޅުމަށް ކުޅުދުއްފުށީ ޓީމުން އިންކާރުކޮށް ވަގުތުތަކެއް ގެއްލުވައިލުމުން ކަމަށް މެޗުގެ ރިޕޯޓުން ހާމަވެގެންދާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.
އެދުވަހު މެޗުގައި ކުޅެފައިވާ ކުޅުންތެރިންނަކީ ހުރިހާ ޑޮކިއުމެންޓެއް އެމްއޭއެމް އަށް ހުށައަޅައި އެ އެސޯސިއޭޝަންގައި ރެޖިސްޓްރީ ކުރެވިގެން ކުޅެފައިވާ ކުޅުންތެރިކަމަށް ވެސް އެފްއޭއެމް ބުނެފައިވެ އެވެ.
އެފްއޭއެމްއިން ބުނީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޤަވާއިދު ކަނޑައެޅިފައިވާ ގޮތުގެ މަތިން މެޗު ކުޅޭނެ މާހައުލަކާއި އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ ހޯމް ޓީމްގެ ޒިންމާއެއް ކަމަށެވެ. އަދި އެހެން ކަމުން މިމެޗުގެ ނަތީޖާއަކީ މެޗު ހުއްޓާލިއިރު އޮތް ނަތީޖާކަމަށް މިނިވަން 50 ގެ ކޮމިޓީއިން ނިންމަވާފައިވާ ކަމަށެވެ.
މި ދެޓީމު ކުޅޭ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ނޮޅިވަރަމް ދަނޑުގަ އެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެދުވަހު ހުއްޓާލީ ކުޅުންތެރިންގެ ދެމެދު ހިނގި ހަމަނުޖެހުން ރެފްރީއަށް ކޮންޓްރޯލް ނުކުރެވި ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. އެދުވަހު މެޗު ނިންމާލަމުން ބުނީ އަނދިރިވުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވުނީ ކަމަށެވެ.