މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ހދ ބުރުގެ ޗެމްޕިއަންކަން ނޮޅިވަރަމް އިން ހޯދައިފި އެވެ.
ނޮޅިވަރަމް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ނޮޅިވަރަމްގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް 2-0 ގެ އެގްރިގޭޓް ސްކޯރއަކުންނެވެ. ކުޅުދުއްފުށީގައި ކުޅުނު މެޗުވެސް 1-0 އިން ކާމިޔާބުކުރީ ނޮޅިވަރަމް އިންނެވެ.
މިއަދު ކުޅުނު މެޗުގެ ދެވަނަ މިނެޓްގައި ނޮޅިވަރަމް ޓީމްގެ އަބްދުލް ރަހީމް އަބޫބަކުރު (އައްދު) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑާއެކު ކުޅުދުއްފުށި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ކުރިޔަށް ޖެހި މަސައްކަތް ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ކުޅުދުއްފުށީ ޓީމަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަސް ކުރެވިފައި ނުވާއިރު. މި ހާފުގައި ނޮޅިވަރަމްގެ ކުޅުންތެރިޔަކު ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކުޅުދުއްފުށީ ޓީމުގެ ކީޕަރ މުހައްމަދު އިބްރާހިމް (އޮލޭ) ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ކުޅުދުއްފުށި ޓީމުން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް ހުސްކޮށް ބޮލުން ޖަހާލަން ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ދެވަނަ ހާފުގައި ނޮޅިވަރަމް ޓީމުން އުފެއްދި ނުރައްކާތެރި ހަމަލާއެއް ކުޅުދުއްފުށީ ޓީމުގެ އަލީ (ލޭކޮކާ) ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 30 ވަނަ މިނެޓްގައި ނޮޅިވަރަމްގެ ކުޅުންތެރިޔަކަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ. މީގެ އިތުރުންވެސް މި މެޗުގައި ގިނަ ކާޑު ތަކެއް ފެނިގެން ގޮސްފައިވާއިރު ނޮޅިވަރަމް ޓީމުގެ ކުޅުންތެރިންނަށް ވަނީ ގިނަ ރީނދޫ ކާޑު ތަކެއް ދައްކާފަ އެވެ.
މި ނަތީޖާއާއެކު ކުޅުދުއްފުށީ ޓީމު މިނިވަން ފަންސާސް މުބާރާތާ އަލްވަދާއު ކިޔާފައިވާއިރު މި ޒޯނުން ޒޯނު މުބާރާތައް ކޮލިފައިވެފައި ވަނީ ހއ ފިއްލަދޫ، ހދ ނޮޅިވަރަމްގެ އިތުރުން ށ ފޯކައިދޫ އެވެ.