އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އޫރީދޫން ކާމިޔާބުކޮށްފި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުޅުދުއްފުށީގެ އޮފީސްތަކުގެ މެދުގައި ބާާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު އޫރީދޫން ކާމިޔާބު ކުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާ ވާދަކޮށް 3-2 ސެޓްއިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓްގައި ޕޮލިހުން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރާ އޫރީދޫން ވަނީ 23-25 އިން މި ސެޓް ކާމިޔާބުކޮށްފަ އެވެ. ދެވަނަ ސެޓްގައި އޫރީދޫން މޮޅަށް ކުޅެ 18-9 ގެ ލީޑެއް ނަގާފައި ވަނިކޮށް ޕޮލިސް ޓީމުން ވަނީ ފަހަތުން އަރާ 23-25 އިން މި ސެޓް ގެންގޮސްފަ އެވެ.
ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ތިން ވަނަ ސެޓް ޕޮލިހުން ކާމިޔާބުކުރީ 27-25 އިންނެވެ. އަދި 4 ވަނަ ސެޓްގައި ޕޮލިހުން ގޭމުގެ ލީޑު ހިފަހައްޓަމުން ދަނިކޮށް ފަހަތުން އަރާ އޫރީދުން ވަނީ 22-25 އިން މި ސެޓް ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފަހު ސެޓް އޫރީދުން ވަނީ ފަސޭހަ ކަމާއެކު 15-6 އިން ކާމިޔާބުކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޫރީދޫ ޓީމަށް އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ކުޅޭ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ.
މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލު ކުރާނީ އެސް.ޓީ.އޯ އަދި ކަސްޓަމްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިރާގު އަދި ހދ އޭ.އީ.ސީ އެވެ.
މި މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު ދެން މި މުބާރާތުގައި ވާދަކުރަނީ ކުޅުދުއްފުށީ ކެމްޕަސް، ކުޅުދުއްފުށީ ޕޯޓް، ފެނަކަ ކޯޕަރޭޝަން އަދި ހދ އަތޮޅު ކައުންސިލް އެވެ.