ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުޅުދުއްފުށީ ކޭވައިއާރްސީ އިން ދަތުރުކޮށްފި އެވެ.
ކޭވައިއާރްސީއިން ފައިނަލަށް ދަތުރުކުރީ ރޭ ޔޫތު ސެންޓަރގެ ބޭރު ކޯޓުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗު 52-35 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާޝިދާ މޫސާ އެވެ.
ކޭވައިއާރްސީން ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. ފައިނަލުގައި ކޭވައިއާރްސީއަށް ބައްދަލުކުރަން ޖެހޭނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ފިއޮންޓީ ސްޕޯޓްސް ކުލަބާ އެވެ. ފިއޮންޓީ އާއި ކޭވައިއާރްސީ ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗު ނިމުނީ 40-41 ޕޮއިންޓުން ނެވެ.
ރޭ ފިއޮންޓީ އަދި ހަނިމާދޫ ސާއްބަ ކުޅުނު މެޗު ފިއޮންޓީ އިން ކާމިޔާބުކުރީ 40-17 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިއޮންޓީގެ ހަމްނާ އަބްދުލް ރަހްމާން އެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 2000 ގައި ޔޫތު ސެންޓަރގެ ބޭރު ކޯޓުގަ އެވެ.