އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ފަހަތުން އަރާ އުރީދޫ ބަލިކޮށް ފެނަކައިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިރޭ ކުޅުނު ފައިނަލް މެޗު ފެނަކައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓް އުރީދޫއިން 20-25 އިން ކާމިޔާބުކުރިއިރު ދެން ކުޅުނު ތިން ސެޓް 25-19، 25-19 އަދި 25-10 އިން ގެންދިޔައީ ފެނަކަ އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކަ ޓީމުގެ ޖާޒީ ނަންބަރު 5 އަލީ ވަހީދު (ޖަބޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން ފެނަކަ ޓީމަށް އޮފީހުން ބޭރުން ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އަލީ ވަހީދު (ޖަބޭ) އާއި މުހައްމަދު އިބްރާހިމް (އޮލޭ) އާއި ރަނަރއަޕް އުރީދޫ ޓީމަށް އޮފީހުން ބޭރުން ކުޅޭ ކުޅުންތެރިއެއް ކަމުގައިވާ އަބްދުލް ހަމީދު އާއި ޕޮލިސް ޓީމުގެ އާދަމް ނަސީރު ގެ އިތުރުން ކަސްޓަމްސް ޓީމުގެ މުހައްމަދު ހަސަން (މުގޫ) އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ކަސްޓަމްސް ޓީމުގެ އަލީ އާދަމް (ބާޑޭ) ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އުރީދޫ ޓީމުގެ ކޯޗު އަމްޖަދު މޫސާ އެވެ.
މިއީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.