twitterviber whatsapp telegramfacebookyoutube instagram
24th April 2024

6 ޓީމަކާއެކު ވިޔަވަތި ޕްރޮމޯޝަން ކަޕް ފަށައިފި

Dec 8, 2015

ޖުމްލަ 6 ޓީމަކާއެކު ސްކޫލްތަކަށް ހާއްސަކޮށްގެން ބާއްވާ ވިޔަވަތި ޕްރޮމޯޝަން ކަޕް 2015 ގެ މެޗުތައް އިއްޔެ ފަށައިފިއެވެ.

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެ ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފުނަދޫ ސްކޫލާއި، ޅައިމަގު ސްކޫލާއި، މިލަންދޫ ސްކޫލާއި، ފޯކައިދޫ ސްކޫލާއި، ފޭދޫ ސްކޫލްގެ އިތުރުން ނަރުދޫ ސްކޫލް ގެ ޓީމެވެ.

މި މުބާރާތުގެ މެޗުތައް  2 ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައި ވާއިރު ކޮންމެ ގްރޫޕެއްގެ ވެސް 3 ޓީމް ހިމެނޭނެ އެވެ. އަދި ގްރޫޕް “އޭ” ގެ މެޗުތައް މިލަންދޫގައި ކުޅެން ހަމަޖެހިފައިވާ އިރު ގްރޫޕް “ބީ” މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ފޯކައިދޫގައި އެވެ.

މި މުބާރާތް އިއްޔެ ފަށާފައި ވާއިރު ގްރޫޕް “އޭ” ގެ ފުރަތަމަ މެޗުގައި މިލަންދޫ ސްކޫލްގެ ޓީމުން ވަނީ ފުނަދޫ ސްކޫލްގެ ޓީމްގެ މައްޗަށް ކުރިހޯދާ 1-6 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައިއެވެ.

އިއްޔެގެ މެޗުގައި މިލަަންދޫ ސްކޫލް ޓީމުގެ އަލީ އީނާސް ވަނީ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައި އެވެ. އަދި އަލީ އީނާސް ވަނީ މެޗުގައި އިތުރު 2 ލަނޑު ޖަހާ ހެޓްރިކް ހަދާފައިއެވެ. އަދި މީގެ އިތުރުން މިލަންދޫ ސްކޫލް ޓީމުގެ ޝާމް އާއި، ޖައިލަމް އަދި އިބްރާހިމް ޝިޔާމް ވަނީ ޓީމަށް އިތުރު 3 ގޯލް ކާމިޔާބު ކޮށްދީފައި އެެވެ.

މީގެ އިތުރުން ގްރޫޕު “ބީ” ގެ ފުރަތަމަ މެޗުވެސް އިއްޔެ ކުޅިފައި ވާއިރު ފޯކައިދޫ ޓީމާއި ފޭދޫ ޓީމު ބައްދަލު ކުރި އެ މެޗުވަނީ 2-7 ގެ ނަތީޖާ އަކުން ފޯކައިދޫ ކާމިޔާބު ކޮށްފައިއެވެ.

މި މުބާރާތުގެ ގްރޫޕް “އޭ” އަދި “ބީ” ގެ ދެވަނަ މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ގްރޫޕް “އޭ” ގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ، ފުނަދޫ ސްކޫލާއި ޅައިމަގު ސްކޫލެވެ. އަދި ގްރޫޕް “ބީ” ގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ފޭދޫ ސްކޫލާއި، ނަރުދޫ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355