މިނިވަން ފަންސާސް މުބާރާތުގެ ތިންވަނަ ބުރުގައި، ދިހަ މީހުނާއެކު ކުޅެ ނޮޅިވަރަމްގެ މައްޗަށް ފޯކައިދޫއިން ކުރިހޯދައިފި އެވެ.
މި މުބާރާތުގެ ގުރޫޕް އޭ ގައި މިއަދު ކުޅުނު މެޗުގެ 27 ވަނަ މިނެޓްގައި ފޯކައިދޫ ޓީމުގެ ކެޕްޓަން އަބްދުﷲ މައުރޫފް (މައިޓް) ނޮޅިވަރަމްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ. މި ފައުލްއާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޮޅިވަރަމް ޓީމަށް ލީޑު ނަގައިދިނީ ނޮޅިވަރަމް ޓީމުގެ ޖާޒީ ނަންބަރު 24 އިބްރާހިމް ޝާހިދު (ޝާޑު) އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ދެވަނަ ހާފު ފޯކައިދޫއިން ވަރުގަދަކޮށް ފަށާފައިވާއިރު 50 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ލަނޑު ޖަހައި ފޯކައިދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފޯކައިދޫ ޓީމުގެ ޖާޒީ ނަންބަރު 15 ހުސައިން ނިޝާން (ނިކޯ) އެވެ.
މި ލަނޑާއެކު ފޯކައިދޫ ޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފަ އެވެ. ނަމަވެސް ނޮޅިވަރަމް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 65 ވަނަ މިނެޓްގައި އަލުން ލީޑު ހޯދާފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުން އެ ޓީމުގެ ޖާޒީ ނަންބަރު 22 އިބްރާހިމް އިޚްވާން (ޑޫންގާ) ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މި ލަނޑާއެކު ނޮޅިވަރަމް އިން ވަނީ އިތުރު ހަމަލާތައް އުފައްދާ ފޯކައިދޫގެ ގޯލަށް ނުރައްކާ ކޮށްފައިވެ އެވެ.
ފޯކައިދޫ ޓީމަށް އުއްމީދު އާވީ ފޯކައިދޫ ޓީމުން ކައުންޓަރ އެޓޭކްގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ ޖާޒީ ނަންބަރު 10 ހުސައިން މުޝީރު (އޮބާރު) ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އަދި މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އޮބާރު ވަނީ އޭގެ ދެ މިނެޓް ފަހުން ލަނޑު ޖަހައި އެ ޓީމަށް އަލަށް މި މެޗުގައި ލީޑު ނަގައިދީފަ އެވެ.
މި މެޗުގައި ފޯކައިދޫ ޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ލިބުނު ހުސް ފުރުސަތެއްގައި ޖަހައިދިނީ ހުސައިން ނިޝާން (ނިކޯ) އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ އޭދަފުށި އަދި މާމިނގިލީ އެވެ.