twitterviber whatsapp telegramfacebookyoutube instagram
5th May 2024

އޭދަފުއްޓާއި މާމިނގިލީ ކުޅުނު މެޗު އެއްވަރުވެއްޖެ

Jan 12, 2016

މިނިވަން ފަންސާސް މުބާރާތުގެ ތިންވަނަ ބުރުގައި ގުރޫޕް އޭގައި އޭދަފުއްޓާއި މާމިނގިލީ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން އޭދަފުށިން މޮޅަށް ކުޅެފައިވާއިރު އޭދަފުށީގެ ޖާޒީ ނަންބަރު 7 އާދަމް ނިޒާމް (ކިތުނާ)ވަނީ ލިބުނު ހިލޭ ޖެހުމެއްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލަފަ އެވެ. ނަމަވެސް މި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ..

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ މާމިނގިލީންނެވެ. މިއީ މެޗުގެ 13 ވަނަ މިނެޓްގައި މާމިނގިލީގެ ޖާޒީ ނަންބަރު 14 ނިޝާން މުހައްމަދު (ނީޝާންޓޭ) ކާމިޔާބު ކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އޭދަފުށީ ޓީމުގެ ކިތުނާ ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ވައްދާލައި އޭދަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައިވެސް ކިތުނާ ބޮލުން ޖަހާ ފޮނުވާލި ބޯޅައެއް ވަނީ މަތީ ދަނޑިއަށް އަމާޒުވެފަ އެވެ.

މާމިނގިލީ ޓީމުން އަލުން ލީޑު ހޯދީ މެޗުގެ 35 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާމިނގިލީ ޓީމުގެ ޖާޒީ ނަންބަރު 7 މުހައްމަދު އަތީފް (ޗޭ މޯޑް) އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ނިޝާންޓޭ ވަނީ އޭދަފުށީ ޓީމުގެ ދެ ޑިފެންޑަރުން ކުރި އަރައި ގޮސް ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތިރީ ކަނަށް ވައްދާލައި މާމިނގިލީ ޓީމަށް ލީޑު ފުޅާކޮށްދީ، 3-1 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

އަދި މެޗުގެ 40 ވަނަ މިނެޓްގައި ނިޝާންޓޭ ވަނީ ހުސް ފުރުސަތެއް ބޭކާރު ކޮށްލާފަ އެވެ. އަދި ރިބައުންސްގައި އަތީފް އަށް ލިބުނު ބޯޅަވެސް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްތެރޭ އޭދަފުށީ ޓީމުގެ ކިތުނާ ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލާފަ އެވެ. އަދި އޭގެ ދެ މިނެޓް ފަހުން އޭދަފުށީ ޓީމުގެ ޖާޒީ ނަންބަރު 18 އިބްރާހިމް މާޖިދުއަށް ލިބުނު ހުސް ފުރުސަތު ވަނީ ކީޕަރ ދިފާއުކޮށްފަ އެވެ.

މެޗުގެ 54 ވަނަ މިނެޓްގައި، މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މާމިނގިލީގެ އަތީފް ދެ ކުޅުންތެރިން ކައިރިން ނައްޓައި ނުރައްކާތެރި ހަމަލާއެއް އުފައްދާފަ އެވެ. އޭގެ އެއް މިނެޓް ފަހުން މާމިނގިލީގެ ނިޝާންޓޭ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދާފަ އެވެ .

މި ލަނޑާއެކު އޭދަފުށީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މާމިނގިލީ ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލާފަ އެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ޖާޒީ ނަންބަރު 23 އިޝާން އިބްރާހިމް (ސައްޓު) ދިން ތުރޫ ޕާހަކަން މުޅިން ހުސްކޮށް ހުރެ، ޖާޒީ ނަންބަރު 5 މުހައްމަދު ރިޔާޒު (ބަފޯ) ވަނީ ނަތީޖާ 4-3 އަށް ބަދަލުކޮށްލާފަ އެވެ.

އަދި އޭދަފުށީ ޓީމުން ފުލުފުލުގައި އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 89 ވަނަ މިނެޓްގައި ރިޔާޒު އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.

މި މުބާރާތުގެ ގުރޫޕް އޭ ގައި އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އޭދަފުއްޓާއި ނޮޅިވަރަމް އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355