މިނިވަން ފަންސާސް މުބާރާތުގެ ތިންވަނަ ބުރުގައި 4-1 އިން ނޮޅިވަރަމް ފަސޭހަކަމާއެކު ބަލިކުރުމަށްފަހު އޭދަފުށި މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އޭދަފުށިން ވަރުގަދަކޮށްފެށި މި މެޗުގެ 2 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ޖާޒީ ނަންބަރު 23 އިބްރާހިމް އިޝާން ނަގައިދިން ކޯނަރަކުން އާދަމް ނިޒާމް (ކިތުނާ) ވަނީ ބޮލުން ޖަހައި ލަނޑެއް ކާމިޔާބުކޮށް އޭދަފުއްޓަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 9 ވަނަ މިނެޓްގައި އޭދަފުށީގެ ޖާޒީ ނަންބަރު 7 މުހައްމަދު ފާސިރު ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފަ އެވެ.
އޭދަފުށިން ލަނޑު ޖެހިތާ މާގިނައިރުތަކައް ނުވަނީސް ނޮޅިވަރަމްގެ ޖާޒީ ނަންބަރު 21 އަބްދުލް ރަހީމް އަބޫބަކުރު (އައްދު) އަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފު ރެފްރީ ވަނީ 90 ސިކުންތުގެ ވޯޓަރ ބުރޭކެއް ދީފަ އެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓްގައި އައްދު ނޮޅިވަރަމަށް ލަނޑު ޖަހައިދީ ނަތީޖާގެ ފަރަޤު ކުޑަކޮށްފައި ވީ ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި އޭދަފުށީގެ ކެޕްޓަން ޖާޒީ ނަންބަރު 15 އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) ވަނީ ނޮޅިވަރަމްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭދަފުށީގެ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 84 ވަނަ މިނެޓްގައި އޭދަފުށީގެ ކިތުނާ ވަނީ އޭދަފުއްޓަށް ލިބުނު ހިލޭ ޖެހުމެއްގައި ހުރަސް ކޮށްލި ބޯޅައަކުން ބޮލުން ލަނޑެއް ޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 4 ވަނަ ލަނޑަށްވާއިރު އޭނާ ވަނީ މި މުބާރާތުގައި ބޮލުން ތިން ލަނޑު ޖަހާފަ އެވެ.
މި މުބާރާތުގެ މެޗެއް މާދާމާވެސް ކުޅުމަށް ހަމަޖެހިފައިވާއިރު ބައްދަލުކުރާނީ ފޯކައިދޫ އަދި މާމިނގިލީ އެވެ.