ހަވީރު ސްޕޯޓްސް އެވޯޑްސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ފިރިހެން 5 ކުޅުންތެރިން ގެތެރޭގައި ކުޅުދުއްފުށީ ބާސްކެޓް ކުޅުންތެރިއެއްކަމަށްވާ އަހުމަދު އައުޝަން ހިމެނިއްޖެއެވެ.
އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އައުޝަންގެ އިތުރުން އަހުމަދު ޒަބީރާއި މުހައްމަދު ޒިލާލާއި އަހުމަދު އިފްސާހު އަދި އިބްރާހިމް ރަޝްވާން (ޗިކު)އެވެ.
ޓީރެކްސް ބާސްކެޓް ބޯޅަ ޓީމްގެ ކެޕްޓަންކަން ކުރަމުން އަންނަ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު އައުޝަންގެ ވާތު ލޮލަށް ލިބުނު ގެއްލުމަކާއެކު ކުއްލި އޮޕެރޭޝަނެއްކޮށް މިވަގުތު އޭނާހުރީ ކުޅުމާ ދުރުގައެވެ.
އައުޝަންގެ ލޮލަށް ގެއްލުން ލިބުނީ މިދިއަ އަހަރު ޤައުމީ ބާސްކެޓްބޯޅަ ލީގުގައި ހަރިކޭންއާ ދެކޮޅަށް ކުޅެނިކޮށް އެ ޓީމްގެ ކުޅުންތެރިއެއްގެ އިނގިލި ލޮލަށް ވަދެގެންނެވެ. އަދި ފަހުން އެގެއްލުން ސީރިއަސްވީ މޫދަށްގޮސް އުޅުމުގެތެރޭގައި ލޮލަށް ލޮނު އެޅިގެންނެވެ.
އައުޝަންއަކީ 2012 ވަނަ އަހަރުގެ ހަވީރު ކުޅިވަރު އެވޯޑްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި 2012 ވަނަ އަހަރު އޮތް 31 ވަނަ ޤައުމީ ބާސްކެޓް މުބާރާތުގެ ފިރިހެން ޑިވިޝަންގެ 21 އަހަރުން ދަށުގެ އެންމެ އުއްމިދީ ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އައުޝަންއެވެ. އޭނާވަނީ 2015 ވަނަ އަހަރު މެއި މަހު ބޭއްވި އެމްބީއޭ ކަޕްގެ އެއް ވަނަ ޑިވިޝަންގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ.