ކުޅުދުއްފުށީ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފުރަތަމަ ރޭގެ މެޗުތައް ޕޮލިސް، ކަސްޓަމްސް އަދި ދިރާގުން ކާމިޔާބުކޮށްފި އެވެ.
19 ޓީމާއެކު ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އެންެމެ ފަހުގެ ޗެމްޕިއަން ޕޮލިސް އަފީފުއްދީން ސްކޫލް ގެ މައްޗަށް 17-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ކުރި ހޯދާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ އަލީ ރިޝްވާން މުހައްމަދު (ރިޝޭ) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ކަސްޓަމްސް އިން ވަނީ 7-4 އިން އެމްއެންޑީއެފްގެ މައްޗަށް ކުރިހޯދާފަ އެވެ. މި މެޗުގެ ފުރަތަމަ ހާފު ކަސްޓަމްސް އިން 6-0 ގެ ލީޑެއް ނަގާފައިވާއިރު ދެވަނަ ހާފު އެމްއެންޑީއެފްއިން ކުޅުން ރަނގަޅު ކޮށްފައިވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަސްޓަމްސް އަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިދިން އަލީ އާދަމް (ބާޑޭ) އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ދިރާގު އަދި ކުޅުދުއްފުށީ ޕޯޓްސް ބައްދަލުކުރިއިރު މި މެޗު 6-3 އިން ކާމިޔާބުކުރީ ދިރާގުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިރާގު ޓީމުގެ އަސްވަދު ރަޝީދު (އަސްލޭ) އެވެ.
މިރޭވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ސިވިލް ފަޔާ އަދި އާޕޮއިންޓް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ކުޅުދުއްފުށީ ކައުންސިލް އަދި އަތޮޅު ކައުންސިލް އެެވެ. ފަހު މެޗުގައި އެސްޓީއޯ އަދި ކުޅުދުއްފުށީ ހޮސްޕިޓަލް އެވެ. މެޗުތައް ފެށޭނީ 2030 ގައި ކުޅުދުއްފުށީ ފުޓްސަލް އެރީނާގަ އެވެ.
ޒިގްޒެގް އިންޓަރ އޮފީސް މުބާރާތުގެ މެއިން ސްޕޮންސަރ މިއަހަރު ކައުންސިލުން ނަގާފައިވާތީ މުބާރާތުގެ ނަން ވަނީ ކުޅުދުއްފުށީ ކައުންސިލް އިންޓަރ އޮފީސް މުބާރާތުގެ ނަމަށް ބަދަލުކޮށްފަ އެވެ.