twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޭނުންވަނީ ކުޅުދުއްފުށި އަދި ރާއްޖެ ފަހުރުވެރިވާފަދަ މީހަކަށްވާން: އަނޫފް

May 26, 2016

މި ހަފްތާގެ ބުދަ ދުވަހުގެ އިރު އެރީ އަނެއްކާވެސް ކުޅުދުއްފުށި އުފާވާފަދަ ހަބަރަކާ އެކު އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގެ ދަށުން ބޮޓްސްވާނާގައި މިހާރު ތަމްރީން ހަދަމުންދާ ކުދިންގެ ތެރެއިން ކުޅުދުއްފުށީގެ އަހްމަދު އަނޫފް ރާއްޖޭގެ ޖޫނިއާ ލެވެލްގެ އެންމެ ބާރު ދުވުންތެރިޔާއަށް ވީ ހަބަރާއެކު އެވެ.

އަނޫފް މި ރިކޯޑް ހެދީ ބޮޓްސްވާނާގެ ބީއޭއޭ ޓްރެކް ރޭހުގައި ވާދަކޮށް 11.19 އިން ރޭސް ނިންމައިގެނެވެ. ކުރިން މި ރިކޯޑް އޮންނަނީ 2015 ވަނަ އަހަރުގެ ކޮމަން ވެލްތް ގޭމްސްގެ 100 މީޓަރ ރޭހުގައި ވާދަކޮށް 11.34 އިން ރޭސް ނިންމި އިބްރާހިމް އަޝްފާން (އައްޕި) ގެ އަތުގަ އެވެ.

“މި ކޮޅަށް އައިސް މިހާ އަވަހަށް މި އެޗީވްމަންޓް ލިބުމުން ވަރަށް އުފާވި. މި އުމުރުގަ މިހާ ބާރަށް ދުވެވޭނެ ކަމަކަށް ކުރިޔަކުން އުއްމީދެއް ނުކުރަން. އަޅުގަނޑު ދެކޭ ގޮތުގައި މި ފެށުމަކީ ވަރަށް ރަގަޅު ފެށުމެއް ކަމަށް ދެކެން. އަދި ކުރިޔަށް އޮތްތަނުގައި މިޔަށް ވުރެ ރަގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރަން. އަދި މި ފުރުސަތުގައި އަޅުގަނޑު މިހާ ހިސާބަށް ފޮނުވުމަށް އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. ހާއްސަކޮށް މުހައްމަދު ހަސަން ކޯޗަށާއި، އެތުލެޓިކްސް އެސޯސިއޭސަން އަދި އޮލިމްޕިކް ކޮމިޓީއަށް ހާއްސަ ޝުކުރެއް އަދާކުރަން.” މި ނޫހާ ހިއްސާކުރަމުން އަނޫފް ބުންޏެވެ.

“ބޭނުންވަނީ ކުޅުދުއްފުށި އަދި ރާއްޖެ ފަހުރުވެރިވާފަދަ މީހަކަށް ވާން” އަނޫފް އިތުރަށް ވާހަކަ ދައްކަމުން ބުންޏެވެ.

އަނޫފްއާ އެކު ތަމްރީން ހަދަމުންދާ ނާއިލްވެސް ވަނީ 400 މީޓަރ ދުވުމުގެ ޖޫނިއާ ޤައުމީ ރިކޯޑް އާ ކޮށްފަ އެވެ. 2010 ވަނަ އަހަރުގެ ކޮމަން ވެލްތު ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުނުތެރިޔާ ހަސަން ސާއިދު 48:56 ސިކުންތުން ހަދާފައިވާ ރިކޯޑް ނާއިލް މުގުރާލީ 48:53 އިން ރޭސް ނިންމައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355