ކުޅުދުއްފުށީ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ނުކުންނާނީ ބޮޑަށް އެޓޭކިން ގޭމެއް ކުޅެން ކަމުގައި އެސްޓީއޯ ގެ ކޯޗު ސައުދުﷲ ނައީމް )ސައުޑީ) ބުނެފި އެވެ.
“ޕޮލިސް ޓީމަކީ މި މުބާރާތުގައި އެންމެ ވަރުގަދަ އަދި އެންމެ ކޮންސަންޓްރޭޝަން ރަގަޅު ޓީމް. އެހެން ނަމަވެސް މި މެޗަށް ވެސް ނުކުންނާނީ އެހެން މެޗުތަކަށްވެސް ނުކުތްހެން ހަމަ އެޓޭކިން ގޭމެއް ކުޅެ މޮޅުވާން” މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ސައުޑީ ބުންޏެވެ.
އެސްޓީއޯ އިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ޓީމުން ފައިނަލާ ހިސާބަށް އައި އިރު ޖުމްލަ 5 މެޗު ކުޅެފައިވާއިރު 44 ލަނޑު ޖަހާފައިވެ އެވެ. ބައިކޮޅަށް ވަދެފައިވަނީ 11 ގޯލެވެ. މީގެ ތެރެއިން 6 ގޯލު ވަދެފައިވަނީ ގުރޫޕް ސްޓޭޖްގައި ހޮސްޕިޓަލްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ޓީމުން ވަނީ ސެމީ ފައިނަލް މެޗުގައި އޫރިދޫ 8-1 އިން ބަލިކޮށްފަ އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ކުޅުދުއްފުށީ ޕޮލިސް ޓީމުގެ ކޯޗު ބުނީ ސެމީ ފައިނަލް މެޗު ނިންމުމަށްފަހު މާލޭ ދާން ޖެހުމުން އެންމެ ފަހުގެ ޓްރެއިނިން ތަކުގައި ބައިވެރިވެވިފައި ނުވާ ކަމަށެވެ.
“ސެމީ ފައިނަލް މެޗު ނިންމުމަށްފަހު މާލޭ ދާން ޖެހުމުން އެންމެ ފަހުގެ ޓްރެއިނިން ތަކުގައި ބައިވެރިނުވެ މި ދިޔައީ. އިރާދަކުރެއްވިއްޔާ ފައިނަލު މެޗުން މޮޅުވާނެ” ޕޮލިސް ޓީމުގެ ކޯޗު އަބްދުﷲ އިބްރާހިމް ބުންޏެވެ.
މި މުބާރާތުގެ އެންމެ ފަހުން ކުޅުނު ފަސް ފައިނަލުން ވެސް ޖާގަ ހޯދައި ވިދިވިދިގެން 4 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރަން ނުކުންނަ ޕޮލިސް ޓީމުންވެސް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެގޮތުން މިހާތަނަށް އެ ޓީމުން ކުޅުނު 6 މެޗުގައި 61 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 12 ލަނޑެވެ. އެ ޓީމުން ސެމީގައި އޭއީސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 8-0 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 27 މެއި 2016 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ކުޅުދުއްފުށީ ފުޓްސަލް އެރީނާގަ އެވެ.