އެސްޓީއޯ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމާ ވާދަކޮށް 3-0 އިން ކުޅުދުއްފުށި ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ކުޅުދުއްފުށިން ކާމިޔާބުކުރިއިރު ހުސައިން އަބްދުލް ރަޝީދު (ބިގޭ) ވަނީ ދެ ލަނޑު ޖަހާފަ އެވެ.
މެޗުގެ 13 ވަނަ މިނެޓްގައި ބިގޭ އަށް ލިބުނު ބޯޅައަކުން ފުރަތަމަ ލަނޑު ޖަހައި ޓީމުން ވަނީ ލީޑު ހޯދާފަ އެވެ. މިއަދު މެޗުގައި ކުޅުދުއްފުށި ޓީމުން ލީޑު ފުޅާކުރީ މެޗުގެ 28 ވަނަ މިނެޓްގައި ކުޅުދުއްފުށީ ޓީމުގެ އަހްމަދު ނަދީމް (ޒިންދި) އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ނޮޅިވަރަމްގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބނު ޕެނަލްޓީ އަކުން ފަރުހަތު މުހައްމަދު (ފަރޭ) އެވެ.
ދެވަނަ ހާފުގެ ބޮޑު ބައި ނޮޅިވަރަމް ޓީމުން ކޮންޓްރޯލްކުރި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހުމުގައި ނާކާމިޔާބު ވެފަ އެވެ. އެ ޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މިއަދު މެޗުގެ ތިން ވަނަ ލަނޑު 92 ވަނަ މިނެޓްގައި ޖަހައިދިނީވެސް ބިގޭ އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭކުރެންދޫ އަދި ނެއްލައިދޫ އެވެ. ކުޅުދުއްފުށި ޓީމުން ދެން ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަނިމާދޫއާ ދެކޮޅަށެވެ.
މެޗުގެ ފޮޓޯ ގެލެރީ