އެސްޓީއޯ މިނިވަން ފަންސާސް މުބާރާތުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުޅުދުއްފުށިންނެވެ. މިއީ ހުސައިން އަބްދުލް ރަޝީދަށް (ބިގޭ) އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި މެޗުގެ 6 ވަނަ މިނެޓްގައި ޖަހައދިން ލަނޑެކެވެ. މިއީ ބިގޭ މި މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ.
ކުޅުދުއްފުށި ޓީމުން މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނަމަވެސް ހަނިމާދޫއިން ވަނީ ގޭމް ތެރެއަށް ވަދެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓްގައި އުފެއްދި ކައުންޓަރ އެޓޭކް ހަމަލާއެއްގައި ރިބައުންސަކުން ނުކުތް ބޯޅަ މުޅިން ހުސްކޮށް ހުރެ ހަނިމާދޫގެ ނޫރުﷲ ތޯހާ ވަނީ ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
އިއްޔެ މި މުބާރާތުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ނޭކުރެންދޫ އަދި ނެއްލައިދޫ އެވެ. މި މެޗުގެ 4-2 އިން ކާމިޔާބުކުރީ ނެއްލައިދޫ އިންނެވެ. މި މެޗުގައި ނެއްލައިދޫގެ ހަސަން ޝާމިލް މިލޭ ވަނީ ހެޓްރިކެއް ހަދާފަ އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަމް އަދި ނެއްލައިދޫ އެވެ. މި މެޗު ފެށޭނީ 1600 ގަ އެވެ.