އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ގައި ފަހު ވަގުތު ޖެހި ލަނޑުން ފަހަތުން އަރާ ނެއްލައިދޫ ބަލިކޮށް ނޮޅިވަރަމުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ކުޅުނު މި މެޗު ނޮޅިވަރަމް އިން ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނެއްލައިދޫގެ ޖާޒީ ނަންބަރު 25 ރިޝްފާހް އެވެ. މި ލަނޑު ޖެހިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ނޮޅިވަރަމްގެ ޒުވާން ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 9 އަހްމަދު ރަޝީދު އެވެ.
ފުރަތަމަ ހާފު 1-1 އިން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗު 57 ވަނަ މިނެޓްގައި ނެއްލައިދޫގެ ޖާޒީ ނަންބަރު 15 މުހައްމަދު ވިސާމް ވަނީ ލަނޑެއް ކާމިޔާބުކޮށް އަލުން އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.
ނޮޅިވަރަމް ޓީމުން އަލުން މި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑުންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނޮޅިވަރަމްގެ ޖާޒީ ނަންބަރު 18 އަލީ ރަޝީދު ސުލައިމާން އެވެ.
މި ނަތީޖާއާއެކު ނޮޅިވަރަމް ޓީމުން ހިތްހަމަ ޖައްސާލައިގެން ތިއްބައި އެ ޓީމުން މެޗު ކާމިޔާބުކުރި ލަނޑު ޖެހީ މެޗުގެ 91 ވަނަ މިނެޓްގައި ނެއްލައިދޫ ޓީމުގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ނޮޅިވަރަމްގެ ޖާޒީ ނަންބަރު 9 އަހްމަދު ރަޝީދު އެވެ.
މާދަމާ މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭކުރެންދޫ އަދި ހަނިމާދޫ އެވެ.