އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ނޭކުރެންދޫ 3-1 އިން ބަލިކޮށް ހަނިމާދޫއިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ހަނިމާދޫއިން ކާމިޔާބުކުރިއިރު، އެ ޓީމުން މި މެޗުގައި ލީޑު ނެގީ މެޗުގެ 37 ވަނަ މިނެޓްގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އާސިފް ސަލީމް (އާސިއްޕެ) އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ހަނިމާދޫގެ ޖާޒީ ނަންބަރު 22 އާދަމް އިބްރާހިމް (ބޮންޑު) އިތުރު ލަނޑެއް ޖަހާފައިވާއިރު މި މެޗުގައި ހަނިމާދޫ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.
ބޮންޑު އިއްޔެގެ މެޗުގައި ލަނޑު ޖެހުމަށްފަހު
ދެވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓްގައި ނޭކުރެންދޫގެ ޖާޒީ ނަންބަރު 9 މުހައްމަދު އަބްދުލް ކަރީމް ވަނީ ލަނޑެއް ޖަހައި ނޭކުރެންދޫ ޓީމަށް އުއްމީދު އާ ކޮށްދީފަ އެވެ. ނަމަވެސް އެ ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ހަނިމާދޫގެ ހުނަރުވެރި ފޯވާޑް ނޫރުﷲ ތޯހާ ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ފުޅާކޮށްފަ އެވެ.
މި މުބާރާތުގައި ކޮންމެ ޓީމެއްވެސް މިހާރު ދެ މެޗު ކުޅެފައިވާއިރު ގޯލުގެ ތަފާތުން 4 ޕޮއިންޓާއެކު އެއްވަނާގައި މި ވަގުތު އޮތީ ކުޅުދުއްފުށި އެވެ. ދެވަނާގައި ހަނިމަދޫ 4 ޕޮއިންޓާއެކު އޮތްއިރު ތިން ޕޮއިންޓާ ފައިދާ އެއް ގޯލާއެކު ތިން ވަނާގައި އޮތީ ނެއްލައިދޫ އެވެ.
ހަތަރު ވަނާގައި ނޮޅިވަރަމް ތިން ޕޮއިންޓާ އެކު އޮތީ މައިނަސް ދެ ގޯލާ އެކު އެވެ. ނޭކުރެންދޫ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެގެން އޮތީ ތާވަލުގެ ފުލުގަ އެވެ.
މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށި އަދި ނެއްލައިދޫ އެވެ. މެޗު ފެށޭ ގަޑިއަކީ 1600 އެވެ.