ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ އަދި 200މ ގެ ޤައުމީ ރެކޯޑް އޮންނަ އަފާ އިސްމާއިލް ފަހަތަށް ޖައްސާލުމަށްފަހު ކުޅުދުއްފުށީ ޒަމްޒަމް ނަޝާ ނިޒާރު ޤައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުން ކާމިޔާބުކޮށްފި އެވެ.
މި މުބާރާތުގައި ކަސްޓަމްސް ރިކްރިއޭޝަން ކުލަބު ތަމްސީލު ކުރާ ނަޝާ މިއަދުގެ ރޭސް ނިންމާފައިވަނީ 13.18 ސުކުންތުންނެވެ. ނަޝާގެ ފަހަތުން އަފާއަށް ދެވަނަ ލިބުނީ 13.21 ސުކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯޑް އޮންނަ ސަމްހާ އަހްމަދު މި މުބާރާތުގައި ވާދަނުކުރާއިރު ތިންވަނަ ހޯދާފައިވަނީ 13.38 ސުކުންތުން ރޭސް ނިންމައިގެން މިރުފަތު އަހުމަދެވެ.
މިއަދުގެ ރޭހުގައި ނަޝާ ވާދަކުރަނީ – ފޮޓޯ: މިހާރު
ރާއްޖޭގެ ޖޫނިއަރ ލެވެލްގެ މިހާރުގެ އެންމެ ބާރު ދުވުންތެރިޔާ ނަޝާ ވަނީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިޔަން ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.
މި މުބާރާތުގައި މިއަދު ފިރިހެނުންގެ 100މ އިވެންޓުން އެއްވަނަ ހޯދީ ރާއްޖޭ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ. 11 ސުކުންތުން ރޭސް ނިންމައިގެން ސާއިދު 1 ވަނަ ހޯދިއިރު ދެވަނަ ލިބުނު ތިނަދޫ ޒުވާނުން ކުލަބުގެ ސަރީސް އަހްމަދު ރޭސް ނިންމީ 11.38 ސުކުންތުންނެވެ. އަދި ތިންވަނަ ހޯދީ ރާއްޖޭން އޮލިމްޕިކްސްގައި ފުރަތަމަ ޕްރިލިމިނަރީ ބުރެއް ފަހަނާޅައި ދިޔަ ކުރީގެ އެއްވަނަ ދުވުންތެރިޔާ ކުޅުދުއްފުށީގެ އަޒްނީމް އަހްމަދު (އައްޒަ) އެވެ.