ކުއަންޓަމް ވެޓެރަންސް ކަޕްގެ ފައިނަލުގައި މިރޭ އައްޒަ77 އާއި އެފްސީ ކިކް ބައްދަލުކުރި މެޗު 3-0 އިން އެފްސީ ކިކު ކާމިޔާބުކޮށްފި އެވެ.
މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު އެފްސީ ކިކް އިން ޖެހީ މެޗުގެ 10 ވަނަ މިނެޓްގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޒިޔާދެވެ. އޭގެ 4 މިނެޓްފަހުން އަލީ ޒިޔާދު (ބޮޑުސައި) ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
ފުރަތަމަ ހާފް 2-0 އިން ނިމުނުއިރު، އައްޒަ 77 އިން ވެސް ވަނީ މި މެޗުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް މިރޭގެ މޭން އޮފް ދަ މެޗުކަން ހޯދު އެފްސީ ކިކުގެ އިބްރާހިމް އަލީ (ކަނީރު އިއްބެ) ވަނީ މި ހުރިހާ ހަމަލާއެއްހެން ދިފާއުކޮށްފަ އެވެ.
މިރޭގެ މެޗުގައި އެފްސީ ކިކު އިން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަސްލަމް މުހައްމަދު (ލަމްބޯ) އެވެ.
މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެފްސީ ކިކުގެ އަލީ ޒިޔާދު (ބޮޑުސައި)، އެ ޓީމުގެ އަސްލަމް މުހައްމަދު (ލަމްބޯ)، ވޭތޯގެ ޖާޒީ ނަންބަރު އަހްމަދު ނައީމް (ޔަނާ)، އައްޒަ77 ގެ ބަޝީރު ޔޫސުފް ގެ އިތުރުން ޕިއޭރާގެ ހަސަން އާދަމް (ތުޅާގިރި) އެވެ. މި ކުޅުންތެރިންނަށް އިނާމު ހުށަހަޅާފައިވަނީ ކުޅުދުއްފުށީ އޮންލައިންގެ ކޭއޯ ސްވިފްޓް ލޯންޗުގެ ފަރާތުންނެވެ. ކޭއޯ ސްވިފްޓް އިންވަނީ މިއިން ކޮންމެ ކުޅުންތެރިޔަކަށް 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާ އެއް ހުށަހަޅާފަ އެވެ.
މި މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވޭތޯ ގެ އަހްމަދު އާދަމް (ސޭކޭ) އެވެ. 17 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަލީ ޒިޔާދެވެ.
އަންނަ އަހަރުވެސް މި މުބާރާތް ބޭއްވޭނެ ކަމަށް ކުއަންޓަމް އިން މައުލޫމާތު ދިނެވެ.