އެންމެ ބޮޑު ދުވުމުގެ ރޭސް ގެ އިތުރުން އިޖުތިމާއީ ހަރަކާތެއް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2016 މިއަހަރުގެ 11 ނޮވެމްބަރުވާ ހުކުރުދުވަހު ހުޅުމާލޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިރޭހަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓަންސް ރޭސަސް އިން އެންޑޯސްކޮށް ފާސްކޮށް ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައިނަލް އަޤުއާމީ ރޭސް އެވެ. މިއަކީ 10 ވަނަ އަހަރު ކަމުން ކުރީ އަހުރުތަކެކޭ އެއްފަދައިން ރާއްޖޭގެ ދުވުންތެރިން ބޭރުގެ އެތްލީޓުންނާއެކު ދުވެލުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ އެވެ.
ދިރާގުން މައުލޫމާތުދިން ގޮތުގައި މިއަހަރުގެ ރޭހުގައި 3000 ދުވުންތެރިންނަށް ޖާގަ ހުޅުވާލެވިފައިވާނެ ކަމަށާއި ދެ ކެޓަގަރީ އަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މިރޭހުގެ ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. 5 ކިލޯމީޓަރުގެ އިތުރުން 10 ކިލޯމީޓަރުގެ ކެޓެގަރީގައި ބައިވެރިވުމުގެ ފުރުސަތުވާނީ ހުޅުވާލެވިފައި ކަމަށެވެ. ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފާ ވާގޮތުގައި ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތައް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރުޤައުމުތަކުގެ މީހުން މިއަހަރުގެ ރޭހުގައިވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވަނީ ބުނެފައެވެ. މުޅިން އަލަށް ހުޅުމާލޭގައި މި ބޭއްވެނީ އެޗްޑީސީގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކީގައި ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސަސް ޑިރެކްޓަރ އަހުމަދު ފާތިޙް ވިދާޅުވީ ދިރާގު ރޯޑް ރޭސް ހުޅުމާލޭގައި ބޭއްވުމަކީ ލިބޭ ފަހުރެއްގެ ކަމަށާއި މި ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެޗްޑީސީއިން އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށް މައުލޫމާތު ދިނެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވަނީ ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައި ލެވިފައެވެ. އަދި މި އަހަރުގެވެސް ރޯޑްރޭހުގެ ޝިއާރަކަށް ދިރާގުން ކަނޑައަޅާފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމަ ށެވެ.
މިއަހަރުގެ ރޭހުގެ ޝިއާރާ ގުޅުވައިގެން މި އަހަރުގެ ޖަމިއްޔާތައް ހޮވުމުގައި އެންމެ އިސްކަމެއް ދެވޭނީ މި ކަހަލަ ދާއިރާގައި މަސައްކަތް ކުރައްވާ ޖަމިއްޔާތަކަށެވެ. އަދި އެގޮތުން މި އަހަރުވެސް ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓު ލައިގެން ހޮވޭ އެންމެ ގިނަ ވޯޓް ލިބޭ 5 ޖަމިއްޔާއަކަށް ކޮންމެ ޖަމިއްޔާއަކަށް 40،000 ރުފިޔާ ހަދިޔާ ކުރުމަށް ދިރާގުން މިވަނީ ނިންމާފައި އެވެ. މިފަދަ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އާންމުން ހޭލުންތެރިކޮށް ދިނުމުގެ މަޤްސަދުގައި ކުރެވިގެންދާ ކަމަކަށްވާއިރު ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން ދުވުމުގެ ބައިވެރިންގެ ޓީޝާޓް ވިއްކައިގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ހުޅުވިގެންދާނެކަމަށް ދިރާގުން މައުލޫމާތު ދިނެވެ.