ސޭމް ބެޑްމިންޓަން ޓޯނަމެންޓް 2016 ޗެމްޕިއަންކަން 3-1 ސެޓުން ޑްރީމް ޓީމުގެ މައްޗަށް ކުރިހޯދައިގެން ޝަޓްލް ބްލާސްޓާއިން ހޯދައިފި އެވެ.
23-25 އޮކްޓޫބަރަށް ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ޑްރީމް ޓީމް އާއި ޝަޓްލް ބްލާސްޓާ ކުޅުނުއިރު، ދެން މި މުބާރާތުގައި ވާދަކުރީ ޔުނެކްސް، ދަ މެގްނީފީސެންޓް ސިކްސް، ވޯރިއާސް އަދި ފިއާލެސް ނިންޖާ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝަޓްލް ބްލާސްޓާގައި ހިމެނެނީ މައުރޫފް އާދަމް، އަހްމަދް މުސްހިލް، ސަޒްނާ ހުސައިން، ހަދީޖާ ޒަކަރިއްޔާ، ރުބާން (ކެމްޕަސް) އަދި ރާކޭސް (އަފީފުއްދީން ސްކޫލް) އެވެ. ރަނަރއަޕް ޓީމް ޑްރީމް ޓީމްގައި ހިމެނެނީ އަބްދުލް ހަމީދު އަލީ. އިބްރާހިމް ހަސަން، ހަސަން އަލީ، ޕްރަޝޮބް (ޖަލާލުއްދީން)، ޝަބާނާ އަލީ އަދި ނާޒިޔާ ދާއޫދު އެވެ.
36 ކުޅުންތެރިން 6 ޓީމަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގައި ކޮންމެ ޓީމެއްގައި ފިރިހެން 4 ކުޅުންތެރިންނާއި އަންހެން 2 ކުޅުންތެރިން ހިމެނެ އެވެ. ދެ ގުރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅުނުއިރު ފައިނަލަށް ދަތުރުކުރީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ކްރޮސްކޮށް ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ.
ފައިނަލް މެޗު ނިމުމުން ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް އަދި ރަނަރއަޕް ޓީމަށް މެޑަލް ހަވާލު ކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އެވެ.
މި މުބާރާތަކީ ކުޅުދުއްފުށީގައި ބެޑްމިންޓަން ތައާރަފް ކުރުމުގެ ގޮތުން ކުޅެވުނު މުބާރާތަކެވެ. މި އަހަރު ރަށަށް ހުޅުވާލައިގެން މުބާރާތް ނުބޭއްވުނު ކަމުގައިވިޔަސް އަންނަ އަހަރު މުޅި ރަށަށް ހުޅުވާލައިގެން ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދިނެވެ.
މި މުބާރާތް އިންތިޒާމް ކުރި ފަރާތުން މައުލޫމާތު ދިން ގޮތުގައި މިފަދަ ކުޅިވަރުތައް ދާއިމީ ގޮތެއްގައި ކުޅުމަށް އިންޑޯ ކޯޓެއް މުހިއްމެވެ. އަދި ކައުންސިލްގެ ފަރާތުން މިފަދަ ކަންކަމުގައި ބޮޑު އެއްބާރުލުމެއް ދެވިދާނެ ކަމަށްވެސް ފާހަގަކުރި އެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގައި ސޭމްގެ ފަރާތުން ދެއްވި އެއްބާރުލުމަށްވެސް މުބާރާތް އިންތިޒާމް ކުރި ފަރާތުން ޝުކުރު އަދާކުރި އެވެ.
“މި ކުޅިވަރު ކުރިއަށް ގެންދިއުމުގައި އަފީފުއްދީން ސުކޫލާއި ހދ އޭއީސީގެ މެނޭޖްމަންޓްގެ ފަރާތުން ދެއްވާ އެއްބާރުލުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކުރިއެރުން” އިތުރުށް ވާހަކަ ދައްކަމުން ހާމަކުރިއެވެ.