އިންޓަރ އޮފީސް ވޮލީބޯލް ޓޯނަމަންޓް 2016 ފަށައިފި އެެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން، އޮކްޓޫބަރު މަހުގެ 28 އިން ނޮވެންބަރު 7 އަށް ކުރިއަށްދާ މި މުބާރާތުގައި މި އަހަރު ޖުމްލަ 8 ޓީމެއް ވާދަކުރެ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭސަން އާއި އެސްޓީއޯ ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކުޅުދުއްފުށީ ޕޮލިސްއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ ޖާޒީ ނަންބަރު 4 އަހްމަދު ފަޔާޒް އެވެ.
ދެވަނަ މެޗުގައި ގުރޫޕް 2 ގެ ދެ ޓީމު ކަމުގައި އަފީފުއްދީން އަދި އަތޮޅު ކައުންސިލް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން އަފީފުއްދީން ކާމިޔާބުކުރިއިރު މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ އަފީފުއްދީން ސްކޫލްގެ ޖާޒީ ނަންބަރު 17 ހީރޯ އެވެ.
ގުރޫޕް 2 ގެ ދެވަނަ މެޗުގައި ހދ އަތޮޅު ކައުންސިލް އާއި ކަސްޓަމްސް ކުޅުނުއިރު ސީދާ ތިން ސެޓުން މެޗު ގެންދިޔައީ ކަސްޓަމްސްއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަސްޓަމްސްގެ ޖާޒީ ނަންބަރު 1 މުހައްމަދު އިބްރާހިމް (ޖަގޭ) އެވެ.
މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ކޯޕަރޭޝަން އަދި ކެމްޕަސް ކުޅުނު މެޗު 3-2 ސެޓުން ކާމިޔާބުކުރީ ފެނަކަ އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކައިގެ ޖާޒީ ނަންބަރު 18 އަލީ ވަހީދު (ޖަބޭ) އެވެ.
މިރޭވެސް މި މުބާރާތުގައި ދެ މެޗު ކުޅޭއިރު 2000 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެމްޕަސް އަދި ޕޮލިސް އެވެ. ދެވަނަ މެޗުގައި ކުޅޭނީ ކަސްޓަމްސް އާއި އަފީފުއްދީން ސްކޫލް އެވެ.
ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމް ވާދަކޮށްފައިވެ އެވެ. މި އަހަރުގެ މުބާރާތުގައި އަފީފުއްދީން އިން އަލަށް ވާދަކުރާއިރު ވޭތުވެދިޔަ އަހަރުގެ ރަނަރއަޕް އޫރިދޫ ގެ އިތުރުން ވޭތުވެދިޔަ އަހަރު މި މުބާރާތުގައި ވާދަކުރި ދިރާގު އަދި ކުޅުދުއްފުށީ ޕޯޓް މި އަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.