އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ އަދި ކަސްޓަމްސް ދަތުރުކޮށްފި އެވެ.
މިރޭ ޒޯން ސްޓޭޑިއަމްގައި ކުޅެވޭ ފައިނަލު މެޗަށް ފެނަކައިން ދަތުރުކުރީ ގުރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށް ފުރަތަމަ ސެމީ ފައިނަލު މެޗުގައި ގުރޫޕް 2 ގެ އެއްވަނަ ޓީމު ކަސްޓަމްސްއާ ކުޅެ 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ކަސްޓަމްސް އިން ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީ ފައިނަލު މެޗުގައި ކެމްޕަސްއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗަށް ނުކުންނައިރު ފެނަކަ ޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި، އެ ޓީމުގެ އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ހިމަނާފައިވާ އަލީ ވަހީދު (ޖަބޭ) އެވެ. ޖަބޭ އަކީ ވޭތުވެދިޔަ އަހަރު ފެނަކަ ޓީމުން ޗެމްޕިއަންކަން ހޯދިއިރުވެސް އެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ.
ކަސްޓަމްސް ޓީމުން އެންމެ ފާހަގަ ކޮށްލެވެނީ އެ ޓީމުގެ މުހައްމަދަ އާތިފް ގެ އިތުރުން އެ ޓީމުގެ އޮފީހުން ބޭރު ކުޅުންތެރިޔާގެ ގޮތުގައި ހިމަނާފައިވާ މުހައްމަދު އިބްރާހިމް (ޖަގޭ) އެވެ. ޖަގޭ އަކީ ވޭތުވެދިޔަ އަހަރު ފެނަކަ ޓީމުން ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ. އާތިފް ވަނީ ތިން މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފަ އެވެ. އަދި ޖަގޭ ވަނީ 2 މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފަ އެވެ.
މިރޭގެ ފައިނަލު މެޗު ފެށޭނީ 2030 ގަ އެވެ.