twitterviber whatsapp telegramfacebookyoutube instagram
20th May 2024

މިނިވަން ޗެމްޕިއަންޝިފުގައި ތިމަރަފުށި ބަލިކޮށް، އޭދަފުށި މުބާރާތް ކާމިޔާބު ކޮށްފި

Nov 13, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރޭ ތ. ތިމަރަފުށީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މި މުބާރާތް ބ.އޭދަފުށި ކާމިޔާބުކޮށްފި އެވެ.

ދެ ޓީމަށް ސަޕޯޓުކުރަން ރަށުންނާއި އެ ދެ އަތޮޅުގެ ރަށްތަކުގެ ސަޕޯޓަރުން ދަނޑަށް ވަދެފައި ވާއިރު މެޗުގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ތިމަރަފުށި ޓީމުންނެވެ. ނަމަވެސް މެޗް 10 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ސާމީ އިބްރާހިމެވެ. އޭރިއާ ބޭރު އަރިމަތިން ސާމީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން އަތްމަތިންނެވެ.

ލަނޑަށްފަހު ތިމަރަފުށީ ވިންގްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އާދަމް ނާސިހް ލަނޑުޖަހަން ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އޭނާ ގޯލް އޭރިއާ ތެރެއަށް ހުރަސް ކުރި ކޮންމެ ބޯޅައެއް ކުރިން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީގެ އިތުރުން ވިޔަންސާއަށް ކުޅުނު ތަޖުރިބާ ކާރު ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން އޭދަފުށްޓަށް ވަނީ އިތުރު ދެ ފުރުސަތެއް ލިބިފަ އެވެ. އެޓީމަށް ލަނޑުޖަހާނެ އެންމެ ފަހި ފުރުސަތެއް ލިބުނީ އެޓީމުގެ ހުސައިން ޝިފާހް އަށެވެ. މެޗްގެ 40 ވަނަ މިނެޓާއި 46 ވަނަ މިނެޓްގައިވެސް އޭނާ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފެށިގެންވެސް ނުރައްކާތެރި ހަމަލާއެއް އެންމެ ފުރަތަމަ އުފެއްދީ ތިމަރަފުށިން ކަމަށްވިއަސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވި އެެވެ.

އެގޮތުން މެޗްގެ 89 ވަނަ މިނެޓްގައި ތިމަރަފުށީގެ އަހްމަދު ހައިލަމް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އޭދަފުށީގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިއަށް ވުރެ އިންޗިއެއް ހައި މަތިން ބޭރަށެވެ.

މި ދެ ޓީމު ރޭގެ މެޗުގެ ކުރިން މި މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައި ވާއިރު އެ މެޗުން މޮޅުވެފައިވަނީ 1-0 ތިމަރަފުއްޓެވެ.

އޭދަފުށީ ޓީމަކީ މިދިޔަ އަހަރު މުބާރާތުގެ ތިން ވަނަ ޓީމެވެ. އެޓީމު ފައިނަލަށް އައީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ ބަލި ކުރުމަށްފަހުއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355